Monday, November 16, 2015

އީ-ލާނިން

އީ-ލާނިން / އޮންލައިންކޮއް (ހިލޭ / ކުޑަ އަގެއްގައި) އުނގެނުމުގެ / ތަޢުލީމުގެ ފުރުސަތުތަކާއި އެފަދަ (ބައެއް) ސައިޓްތައް
ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް އައިސްފައިވާ ތަފާތު ކުރިއެރުންތަކާއި އެކު ކިޔަވައިދިނުމުގެ ދާއިރާއާއި އުނގެނުމުގެ ދާއިރާއިންވެސް މިވަނީ ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައެވެ. އީ-ލާނިން އޭ މިބުނެވޭ ބަހުގެ މާނައަކީ އިންޓަރނެޓު އަދި ކޮންޕިއުޓަރ ނުވަތަ މިޒާތުގެ ކޮންމެސް އެއްޗެއް ބޭނުން ކޮއްގެން، ކޮންމެ ތަނެއްގެ ކޮއްމެ ހިސާބެއްގައި ދަރިވަރާއި މުދައްރިސް ހުރެގެންވެސް އުނގަންނައިދިނުމެވެ. މިގޮތުން ކިޔަވައި ދިނުމުގައި ތަމްރީނު ދިނުމާއި ވަގުތުން މަޢުލޫމާތުވެސް ދެވެއެވެ. ވެބްސައިޓް ތަކުން މަޢުލޫމާތު ނަގައިގެން ކިޔެވުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ހަމަ އެހެންމެ ސޮފްޓުކޮޕީގެ ގޮތުގައި ހުންނަ ފޮތް / މަޒުމޫނު އެއްޗިސް ބޭނުންކޮއްގެން އުނގެނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

އީ-ލާނިން އަށް ތައްޔާރުވުމާއި އޭގެ ޕްރޮސެސް
މިކަމަށް އެންމެ ފުރިހަމައަށް ދަރިވަރުންވެސް އަދި ކިޔަވައިދޭ މުދައްރިސްވެސް ތައްޔާރުވާން ޖެހެއެވެ. އެހެންނަމަވެސް މިކަމަށް އެންމެ ބޮޑަށް ތައްޔާރުވާން ޖެހެނީ ތަމްރީނު ފޯރުވައިދޭ މުޢައްސަސާއިން ނެވެ. އެހެނީ އީ-ލާނިންއަށް ކިޔަވާދިނުމަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރާ ޕޯޓަލް (ޕްލެޓްފޯމް) އެކުލަވާލުމަކީ މި މުޢައްސަސާތަކުގެ ޒިންމާއެކެވެ. ކޮންމެ ދަރިވަރަކަށާއި މުދައްރިސަކަށް (ލެކްޗަރ އަދި ޕްރޮފެސަރ) މި ޕޯޓަލްއަށް ލޮގިންވާނެ ޔޫސަރ އަކާއި ޕާސްވޯޑެއް ދެވޭނެއެވެ. ކުދިންނަށް ބޭނުންވާ މެޓީރިއަލްސް މި ޕޯޓަލްއަށް ލުމަކީ ޓީޗަރު ކުރާ ކަމެކެވެ. އަދި އެސައިމަންޓް ފަދަ މަސައްކަތައް ބޭނުންވާ މަޢުލޫމާތު މިޕޯޓަލްއިން ކުދިންނަށް ލިބެން ހުރެއެވެ. އަދި މަސައްކަތް ފުރިހަމަ ކުރުމަށްފަހު ކުދިން މިޕޯޓަލްއަށް އެސައިމަންޓް އަޕްލޯޑް ކުރެއެވެ.
ވީޑިއޯ ކޮންފެރެންސް މެދުވެރިކޮއް ކިޔަވައި ދިނުންވެސް އީ-ލާނިންގެ ތެރޭގައި ހިމެނެއެވެ. ހަމަޖެހޭ ވަކި ގަޑި ތަކަކަށް އިންޓަރނެޓްގެ އިހީގައި ހުރިހާ ކުދިން ޕޯޓަލްއަށް ލޮގިންވެއެވެ. މެސެޖްކޮއްގެން ނުވަތަ ވީޑިއޯ ޕުރެޒެންޓް ކޮއްގެންވެސް ކުލާސް ކުރިޔަށް ގެންދެވިދާނެއެވެ. އަދި ސުވާލު ކުރުމާއި އެ ސުވާލު ތަކަށް ޖަވާބު ދިނުން އާންމު ގޮތެއްގައި ގެންދާނީ ވަގުތުން މެސެޖް ކޮއްގެންނެވެ.

މި މަންޒަރުން ދައްކުވާދީފައި އެވަނީ އީ-ލާނިން ދާނެ ގޮތެވެ.

އީ-ލާނިން މެދުވެރިކޮއް ކިޔަވައި ދިނުމުގައި ބަލަންޖެހޭ ނުވަތަ ތަންފީޒުކުރަންޖެހޭ ކަންތައްތައް
1.    އުނގެނުމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް އަންނަ ކުރިއެރުން ބަލާނޭ މިންގަނޑެއް އޮތުން.
2.    ދަރިވަރުން އުނގެނުމުގައި ހޭދަކުރާ ވަގުތު ދެނެގަނެވޭނޭ ގޮތްތަކެއް ހުރުން.
3.    ވަކި ފަރުދުންނަށް އަމާޒުކުރެވިގެން ބިނާކުރެވިފައިވާ އުނގެނުމުގެ ހަރުދަނާ ގޮތްތަކެއް ހުރުން.
4.    އީ-ލާނިން މެދުވެރިކޮށް ކިޔަވައިދިނުމުގައި ސުމާޓްފޯނު ބޭނުންކުރެވެން ހުރުން.
5.    އީ-ލާނިން ޕޯޓަލްއަކީ ބޭޖެސް އަދި މައިކްރޯ-ކްރެޑިންޝިއަލްސް ސަޕޯޓްކުރާ އެއްްޗަކަށްވުން.
6.    އީ-ލާނިންއަށް ބޭނުންކުރެވޭ ވަސީލަތް ތަކަކީ ބޭނުން ކުރަން ފަސޭހަ އެއްޗިއްސައްވުން. 
އީ-ލާނިން ޕްރޮސެސް ބިނާކުރެވިދާނެ ގޮތެއް ތިރީގައި ދައްކާދީފައި އެވާނީއެވެ.

އީ-ލާނިން ވެބްސައިޓްސް އަދި އެޕްލިކޭޝަން
ދުނިޔޭގެ މަސްހޫރު ބޮޑެތި ޔުނިވަރސިޓީ ތަކުންނާއި ކޮލެޖުތަކުން މިޔަދުވަނީ އީ-ލާނިންގެ ހިދުމަތްދޭން ފަށާފައެވެ. ވެބްސައިޓް ތަކާއި އަދި އެޔާއި އެއްބޭނުމެއް ހިފޭ އެޕްލިކޭޝަންވެސް ވަނީ ތަޢާރަފް ކޮއްފައެވެ. މިފަދަ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ތެރޭގައި "އާޓް އެންޑް މިޔުޒިކް"، "މެތު، ޑޭޓާ ސައިންސް     އެންޑް އިންޖިނީރިން"، "ޑިޒައިން، ވެބް ޑެވެލޮޕްމެންޓް"، އަދި މީގެ އިތުރުން "އައި.ޓީ އެންޑް ސޮފްޓުވެއަރ ޑެވެލޮޕްމެންޓް" ފަދަ އުނދަގޫ ބައިތައްވެސް ކިޔަވާދެއެވެ. އެޕަލް ޑެވެލޮޕާރސް ވެބްސައިޓަކީ "އައި.ޓީ އެންޑް ސޮފްޓްވެއަރ ޑެވެލޮޕްމެންޓް" ކިޔަވައި ދިނުމަށް މަޝްހޫރު ވެބްސައިޓެކެވެ.
ކިޔަވައިދިނުމުގެ މިކަން މެނޭޖްކުރުމަށް މިހާރުވަނީ އެކި ވައްތަރުގެ އެޕްލިކޭޝަން އަދި ޕްރޮގްރާމްތައް ނެރިފައެވެ. ދުނިޔޭގެ ތަފާތު އެކި ކަންކޮޅުތަކުގައި، ރާއްޖެވެސް ހިމެނޭގޮތުގައި މިފަދަ ޕްރޮގްރާމްތައް މިހާރު ބޭނުން ކުރެވެއެވެ. ނަންމަޝްހޫރު ޕްރޮގްރާމްތަކުގެ ތެރޭގައި "އީ-ފްރޮންޓް"، "މޫޑްލް"، "ޑޫކިއޯސް"، "ކްލަރޯލައިން"، "އިލިއާސް ލާނިން މެނޭޖްމެންޓް"، "ސަކާއި ޕްރޮޖެކްޓް" އަދި "އޮލެޓް" ހިމެނެއެވެ.

އީ-ލާނިންގެ ބައެއް ފައިދާތައް
²    ކުޑަ ވަގުތުކޮޅެއް ކޮއްމެ ދުވަހަކުވެސް ހޭދާ ކޮއްލައިގެން، އީ-ލާނިންގެ އެހީގައި ތަޢުލީމު ހާސިލް ކުރެވިދާނެއެވެ. ނުވަތަ  ހަފްތާގެ ކޮންމެސް އެއް ދުވަހެއް ކިޔަވަން ހުސްކޮއްގެންވެސް ތަޢުލީމު ހާސިލްކުރެވިދާނެއެވެ.
²    ސުމާރޓްފޯނު، ޓެބްލެޓް، އަދި ލެޕްޓޮޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުން ކޮއްގެން އުނގެނުމުގެ ފުރުސަތު ލިބެއެވެ. ބޭކާރުގޮތުގައި ވަގުތު ހޭދަނުކޮށް ލިބޭ ކުޑަ ވަގުތުގައި ކިޔެވުމުގެ ފުރުސަތު ލިބެއެވެ.
²    ދުރު ހިސާބުތަކުން ދަތުރުކުރަން ނުޖެހި، ކޮންފެރެންސިންގެ އެހީގައި ކުލާހަށް ހާޒިރު ވެވޭނެއެވެ. ތިބާ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ޕޯޓަލްއަށް ލޮގިންވެ ތަޢުލީމު ހާސިލް ކުރެވިދާނެއެވެ.
²    އީ-ލާނިންގައި ފޮތް ބޭނުން ކުރަން ޖެހޭވަރު މަދުވެ، މުދައްރިސުން ކިޔަވަދޭން ހޭދާކުރާ ވަގުތު ވަރަށް ބޮޑަށް މަދުވުމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުން ކިޔެވުމަށް ހޭދަކުރާ ފައިސާ ވަރަށް ބޮޑިތަން މަދުވެއެވެ.
²    ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުން އެއް ކުލާސް ރޫމަކަށް ހާޒިރުނުވިކަމުގައި ވިޔަސް، މިކަމަށް ހާއްސަ އެޕްލިކޭޝަންގެ އެހީގައި ހުރިހާ ކުދިން އެއްކުރުވައެވެ. ދަރިވަރުގެ ހަށިގަނޑު ކޮންމެ ތަނެއްގައި ހުރިކަމުގައިވީ ނަމަވެސް، ސިކުނޑި ކުލާސްރޫމަށް ހާޒިރުކުރާ އެއްޗެއްގެ ގޮތުގައި ޓެކްނޮލޮޖީ އެހީތެރިވެދެއެވެ.

އީ-ލާނިންގެ ބައެއް ގެއްލުންތައް
²    ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި ކުލާހައް ހާޒިރުވާން ނުޖެހުމުން، ބައެއް ކުދިންގެ މޯޓިވޭޝަން ގެއްލި ކިޔެވުމަށް އިތުރު ހުރަސްތައް ކުރިމަތިވެއެވެ. މިއީ އީ-ލާނިންގެ ކޮންޓްރޯލް ދޫކޮއްލުމުން ދިމާވާ ކަމެކެވެ.
²    ކިޔަވާދިނުމުގައި ބޭނުންކުރެވޭ ގޮތްތަކަކީ ގިނަ ފަހަރަށް ވަކި ގޮތަކަށް ސެޓް ކުރެވި މިފަދަ ހުރިހާ ކުލާސްތަކަށް (އެ މާއްދާއެއް ކިޔަވާ ހުރިހާ ކުދިންނަށް) ތައްޔާރު ކުރެވިފައިވާ އެއްޗިއްސެވެ. އެހެން ކަމުން ބައެއް ފަހަރަށް ދަރިވަރުގެ އުނގެނުމުގެ މިޒާޖާއި ދިމާނުވާތަން އާދެއެވެ.
²    ވަކިންއިނދެ ކިޔަވަން ޖެހުމުން، ޓީޗަރު ކުރިމަތީގައި ހުރެގެން ކިޔަވއި ދިނުމާއި ވަރަށް ތަފާތެވެ. އެހެނީ ކައިރީގައި ހުރުމުން އެއްޗެއް / ސުވާލެއް އަހާލަން ފަސޭހަ ނަމަވެސް އީ-ލާނިން ގައި މިކަމަށް ލިބިދޭ ފުރުސަތު ހަނިވެއެވެ.
²    އީ-ލާނިންއަކީ ޓެކްނޮލޮޖީގެ މައްޗައް ބަރޯސާ ވެފައިވާ އެއްޗެއް ކަމުން، ހުރިހާ ބާވަތެއްގެ އެއްޗިއްސަށް (ސްމާރޓްފޯން، އައި.ޕެޑް، ޓެބްލެޓް، އަދި ލެޕްޓޮޕަށް) ސަޕޯޓްކުރާ ފޯމެޓްގައި ކިޔަވާދޭން ބޭނުންކުރާ މެޓީރިއަލް ނެރެން ޖެހެއެވެ.
²    މިފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މަސައްކަތުގައި / އާންމު ދިރިއުޅުމުގައި ބޭނުން ނުކުރާ މީހުންނަށް މިފަދަ ވަސީލަތް ތަކުން ތަޢުލޫމު ހާސިލް ކުރަން އުނދަގޫ ވެގެން ދެއެވެ.

ނިންމުން
އީ-ލާނިން މެދުވެރިކޮއް ކިޔަވާ ކުދިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަނީ އިތުރުވަމުން ނެވެ. މީގެ މައިގަނޑު ސަބަބެއް ކަމުގައި ގިނަބަޔަކު ގަބޫލު ކުރަނީ ކިޔެވުމަށް ހޭދަކުރާ ވަގުތާއި ފައިސާ ވަރަށް ބޮޑަށް ސަލާމަތްވާތީއެވެ.

ރިފަރެންސް
v    ކިރޮސްޓޮފަރ ޕައްޕާސް؛ އީ-ލާނިން އިންޑަސްޓްރީ، ނެގީ http://elearningindustry.com/advantages-and-possible-limitations-of-online-learning
v    ބެސްޓް ކޮލެޖް ރިވިއުސް، ނެގީ
v    އަޝިހް ރަންގްނިކަރަ، އީ-ލާނިން އިންޑަސްޓްރީ، ނެގީ http://elearningindustry.com/7-elearning-strategic-questions-every-elearning-company-must-answers
v    ވެބް ރިސޯސަސް ޑިޕޮޓް، ނެގީ

ލިޔުނީ: ޞާބިރާ ޢަބްދުލްޣަފޫރު

11 comments:

  1. މި ބްލޮގްގައި ހިމެނޭ އެހެން ލިއުންތަކެކޭ އެއްފަދައިން ފުރިހަމަ ލިއުމެއްކަން ފާހަގަކުރެވޭ. މުޅި ބްލޮގަށް ބަލާނަމަ މިއަށްވުރެ ބްލޮގް ލޭއައުޓް ފުރިހަމަކޮށްލައިފިނަމަ އަދި ވަރަށް ފުރިހަމަވާނެކަމަށް ގަބޫލުކުރެވޭ.

    ReplyDelete
  2. ރަގަޅު މަޢުލޫމާތު ތަކެއް ހިމެނިފައި ހުރިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިފަދަ މޢުލޫއަކާއި ކުޅޭ ފޮޓޯ މަދުކަން ފާހަގަ ކުރެވެއެވެ.

    ReplyDelete
  3. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  4. ވަރަަށް ފުރިހަމަ ކިޔާހިތްވާ މައުލޫމަތުޔ އެކުލެވިފައިވާ އަރޓިކަލްއެއް

    ReplyDelete
  5. ވަރަށް ފުރިހަމަ އާޓިކަލެއް މަޢުލޫމާތު ވަރަށް މުއްސަދި

    ReplyDelete
  6. މަޢުލޫމާތު މުއްސަދި ލިޔުމެކެވެ. މަޒުމޫނުގެ އޮނިގަޑު އަތުރާލުމުގައި ޝައުޤުވެރި ގޮތަކަށް އަތުރާލެވުނުނަމަ މިއަށްވުރެ ފުރިހަމަ ވީހެވެ.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ކޮންމެ މީހަކަށްވެސް ކިޔަވާލަން ފުރްސަތު ހުޅުވިފައި އެބައޮތްކަން އެނގިހާމަވެއްޖެ..

    ReplyDelete
  9. ގިނަ މަޢުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ
    ފޮޓޯތައް ގިނަކޮށްލިނަމަ ވަރަަށްފުރިހަމަ ވާނެ

    ReplyDelete
  10. ޢިލްމީގޮތުން މުއްސަނދި ލޭއައުޓް ފުރިހަމަ އާރޓިކަލެއް

    ReplyDelete
  11. ވަރަށް ފުރިހަމަ ލިޔުމެއް. މައުލޫމާތު ވަރަށް މުއްސަނދި. އިތުރަށް ރަނގަޅުކޮށްލަންޏާ ލިޔުންގަނޑު ތެރެއަށް ރެފަރެންސް ހައިޕަރ ލިންކެއް ގޮތަށް ލެވިދާނެ.

    ReplyDelete