Wednesday, November 18, 2015

ޒަމާނީ ސްކޫލް ނުވަތަ ކުލާސްރޫމް ޓެކްނޮލޮޖީ




އަބްދުއްރަޙްމާން ޙަސަން
އިންސާނުންގެ ވިސްނުން ތަރައްޤީވެ ކުރިއަރަމުންދާ ވަރަކަށް، އިންސާނުން އުފައްދާ ތަކެތި ޒަމާނީވެ، ކުރިއަރަމުން ދާކަމީ މިއަދު ދުނިޔެ ދައްކަމުންދާ ހަޤީޤަތެކެވެ. މިހަޤީޤަތްތައް ދުނިއަށް ތައާރަފްކުރީ ޓެކްނޮލޮޖީއެވެ. އާދެ ސައިންސުގެ  އުފެއްދުންތަކެވެ.  ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާރު ވަނީ މީގެކުރިން ދުވަހަކުވެސް އިންސާނަކު ހީވެސްކޮށްފައި ނުވާފަދަ ބޮޑު އިންޤިލާބެއް ގެނުވާފައެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ، 21 ވަނަ ޤަރުނު ވެގެން ގޮސްފައި މިވަނީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އައު އިންގިލާބެއް ގެނުވި ޤަރުނެއްގެ ގޮތުގައެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން މަލްޓިމީޑިޔާގެ ވަޞީލަތްތައް ބޭނުން ކުރެވެމުން މިއަދު އަންނަނީ ވަކި މިވެނި ދާއިރާއެއްގައޭ ބުނެވޭކަށް މިހާރަކުނެތެވެ. ނަމަވެސް ކިޔަވައިދިނުމުގެ ސިނާއަތަށް އިންގިލާބެއް ގެނުވީ މަލްޓިމީޑިޔާ ކަމުގައި މާ ޖޯން ޑެ ގްރޫޓް (2002) ވިދާޅުއްވެފައެވެ. ހަމައެހެންމެ ޒަމާނީ ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށްލީ ޓެކްނޮލޮޖީގެ މިއުފެއްދުން ކަމަށް އޭނާ ވާނީ ހާމަކޮށްފައެވެ. އެހެންކަމުން މިއެސައިންމެންޓުގައި އަޅުގަނޑު ބަލާލާނީ، ކްލާސްރޫމްތަކުގައި، ބޭނުންކުރާ ޓެކްނޮލޮޖީގެ ބައެއް ބާވަތްތަކަށާއި އޭގެ މުހިއްމުކަމުގެ މައްޗަށެވެ.
ޒަމާނީ ކުލާސްރޫމަށް މަލްޓިމީޑިއާ ތައާރަފްވުން
ޒަމާނީ ކުލާސްރޫމަށް ވަތް އެންމެ ވަރުގަދަ ވަޞީލަތަކީ މަލްޓިމީޑިޔާއެވެ. މަލްޓިމީޑިޔާއަކީ އިލެކްޓްރޯނިކް ވަޞީލަތެއް ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށް ދިނުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ހަމައެހެންމެ މަލްޓިމީޑިޔާއަކީ، ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން މުއާސަލާތުކުރުމަށް ބޭނުންކުރެވޭ ވަރަށް ފަސޭހަ ވަޞީލަތެކެވެ. އޭގެތެރޭގައި ފޮޓޯ، ވީޑިއޯ،ޗާޓް، އިންޓަރނެޓް، އަދި އިންޓަރނެޓް ވެބްސައިޓްތައް ހިމެނެއެވެ. ނުވަދިހައިގެ ތެރޭގައި ކޮމްޕިޔުޓަރުގެ ދުނިޔެއަށް އިންގިލާބެއް ގެނުވި އެޕުލިކޭޝަން އަކީ މަލްޓިމީޑިއާކަމަށް ކަމަށް މާ ޖޯން ޑެ ގްރޫޓް (2002) ހާމަކުރައްވައެވެ. އޭނާ ހާމަކުރައްވާ ގޮތުގައި ނުވަދިހައިގެ މެދުތެރެއާ ހަމަޔަށް މި އުފެންދުންތަކަކީ އާމުންގެ ތެރޭގައި އެހާވަރަކަށް ބޭނުންކުރެވެމުން ދިޔަ އުފެއްދުންތަކެއް ނޫނެވެ. ނަމަވެސް މިއަދު އަގަށް އައި ބަދަލާއެކު މަލްޓިމީޑިއާއަކީ މިހާރު ކޮންމެ މީހަކުވެސް ބޭނުންކުރަމުން ގެންދާ ވަޞީލަތެކެވެ. މިހާރު އާއްމުން ބޭނުންކުރާ ކޮންމެ ކޮމްޕިޔުޓަރަކީ އޭގައި މަލްޓިމީޑިއާ އެޕުލިކޭޝަން ހިމެނޭ އެއްޗެކެވެ.
މިއަދުގެ ޒަމާނީ ކުލާހެއްގައި ތަފާތު މަލްޓިމީޑިޔާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރެއެވެ. މިއިން ކޮންމެ ވަޞީލަތަކީ އެއިން ތަފާތު ފައިދާތައް ކުރާ ވާޞީލަތެކެވެ. ކިޔަވައިދިނުމުގައި މިފަދަ މަލްޓިމީޑިޔާގެ ވަޞީލަތްތައް ބޭނުންކުރުމުން،  ފިލާވަޅަށް ދަރިވަރުން ސަމާލުކަން ދެއެވެ. މުދައްރިސުން ބުނެދޭން އުޅޭ އެއްޗެއް ދަރިވަރުންނަށް ފަހުމުވެ، ފަސޭހައިން ނަގައި ގަނެވެއެވެ. އަދި މުދައްރިސަށް ފިލާވަޅު ނަގައިދިނުމުގައި ހޭދަކުރާ ވަގުތު މަދުވެއެވެ. މީގެ އިތުރަށް ފިލާވަޅު ދަސްކުރަން ދަރިވަރުންނަށް ފަސޭހަވުމާއި  ދަސްކުރާއެއްޗެހި ގިނަދުވަހަށް ހަދާނުގައި ހުންނަ ކަމަށް ކެރަން އެލް ސްމިތު (2015) ހާމަކުރައްވައެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި މަލްޓިމީޑިޔާގެ ތަފާތު ވަޞީލަތްތަށް ބޭނުން ކުރާ މިންވަރު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މިހާރު ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރަމުންދާ ވަޞީލަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްވަޞީލަތަކަކީ އައިޕެޑާއި، ސްމާޓް ބޯޑާއި،އޮންލައިން ވަސީލަތްތަކާއި، ޓީވީ ނުވަތަ ޕްރޮޖެކްޓަރާއި،ކްލާސް ވެބްސައިޓް ނުވަތަ ބްލޮގްސް ދަފަ ވަސީލަތްތަކެވެ. އެހެންކަމުން މިފަދަ ވަޞީލަތްތަކުގެ މުހިންމުކަމާއި އޭގެ ފައިދާ ތަކާއި ގޮންޖެހުންތަކުގެ މައްޗަށް ބަލާލާނަމެވެ.
އައިޕެޑް

            އައިޕެޑަކީ، ޓެބްލެޓް ކޮމްޕިޔުޓަރެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ދެންނެވޭނީ އައިޕެޑަކީ، ކޮމްޕިއުޓަރަކަށްވުރެ ކުޑަ އާދައިގެ ސްމާޓް ފޯނަކަށްވުރެ ބޮޑު ގެންގުޅެން ފަސޭހަވަރަކަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ނެޝަނަލް ސެންޓަރ ފޯ ޓެކްނޮލޮޖީ އިން އެޑިއުކޭޝަން (2010) ހާމކުރާގޮތުގައި  އައިޕެޑު އުފައްދާފައި ވަނީ 27 ޖެނުއަރީ 2010 ގައި މަޝްހޫރު އެޕަލް ކުންފުނިންނެވެ. އައިޕެޑުގައި ތަފާތު އެޕްލިކޭޝަންތައް ބޭނުންކުރެވެމުން ދާއިރު، ހަމައެކަނި އެޕަލް ކުންފުނިން އެކަނިވެސް އައިޕެޑުގައި ބޭނުންކުރުމަށް 1000 އަށްވުރެ ގިނަ އެޕްލިކޭޝަން ހަދާފައިވެއެވެ.
ކިޔަވައިދޭ ކުލާހެއްގައި އައިޕެޑް ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެއެވެ. އެގޮތުން ބަލާއިރު ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ކުލާހުގައި އައިޕެޑް ބޭނުންކުރެވިދާނެއެވެ. އޭރުން އެތައް ބަރު ބޮޑެތި ފޮތްތަކެއް އުފުލުމަށްވުރެ، ޖީބަށް ލައިގެންވެސް އާދެވޭ މިފަދަ ވަޞީލަތްތަކަށް ކުދިން މާ ޝައުޤުވެރިވާނެއެވެ. ހަމަ އެހެންމެ އައިޕެޑުގެ ބޭނުން ކުލާހުގައި ހިފިދާނެ އަނެއްގޮތަކީ، މުދައްރިސް ބުނެދެއްވާ ފިލާވަޅާގުޅޭ އިތުރު މަޢުލޫމާތުތަކާއި އެއާއި ގުޅޭ ތަފާތު ފޮޓޯތައް އަދި ވީޑިޔޯތައް ވަގުތުންވަގުތަށް ( އިންޓަރނެޓް މެދުވެރިކޮށް) ބަލައި ލެވޭގޮތް ވުމެވެ. މީގެ އިތުރުންވެސް ތަމްރީންތައް މާކުކުރުމާއި މާކުސް ދިނުމާއި ދައިވަރުން އެދުވަހުގެ ފިލާވަޅުތައް އިތުރަށް އަޑު އަހަން ބޭނުންކަމުގައި ވާނަމަ، ފިލާވަޅު ރިޕީޓްކޮށް އަޑުއަހައި ބަލާލެވޭ ގޮތަށް ހުރުމާއި އަދި ފިލާވަޅާއި ބެހޭގޮތުން އޮޅުންނުފިލާ އެއްޗެއްވާނަމަ، މުދައްރިސާއި ވަގުތުން ސުވާލުކޮށް ފުރުޞަ ލިބެއެވެ.
މިސާލަކަށް އެދުވަހުގެ އިސްލާމްގަޑީގައި މުދައްރިސްނަގައި ދެއްވާ ފިލާވަޅަކީ އިސްލާމީ ޙަޟާރާތްތެވެ. އައިޕެޑު ބޭނުންކޮށްގެން ކިޔަވައިދޭ ކުލާހެއްނަމަ އެދުވަހުގެ ފިލާވަޅާއި ގުޅޭގޮތުން ހަދާފައިވާ އެޕްލިކޭޝަން ހުރިހާކުދިންގެ އައިޕެޑަށް އަޅަގެން މުދައްރިސް ފިލާވަޅު ކުރިއަށް ގެންދެވިދާނެއެވެ. އޭރުން ދަރިވަރުން ޝައުޤުވެރިކަމާއެކު އެޙަޟާރަތެއްގެ ފޮޓޯ ނުވަތ ވީޑިއޯ ބަލާލެވެނެއެވެ. މިގޮތަށް ކަންތައްކުރުމުން ދަރިވަރުން ގަޔާވާފަދަ މާހައުލަކަށް ކުލާސްތެރެ ވެގެންދާނެއެވެ.
ސްމާޓް ވައިޓްބޯޑް ބޯޑް
ކެރަން އެލް ސްމިތު (2015) ހާމަކުރައްވާ ގޮތުގައި ސްމާރޓް ވައިޓް ބޯރޑަކީ ކޮމްޕިއުޓަރ ގެ އިންޓަރެކްޓިވް ސިސްޓަމް އެކުލެވިގެންވާ ގޮތަށް ފަރުމާ ކުރެވިފައިވާ ބޯޑެކެވެ. ވައިޓްބޯޑުގައި ޕްރޮޖެކްޓަރ ޑިވައިސް، އަދި ވައިޓްބޯޑް ސޮފްޓްވެއާރ އެކުލެވިފައި ވެއެވެ.
މިފަދަ  ބޯޑަކީ ކިޔަވައި ދިނުމުގައި ބޭނުންކުރެވިދާނެ މުހިއްމު ވަސީލަތެކެވެ. ޒަމާނީ ސްމާޓް ބޯޑް ތަކަކީ 'ޓަޗް ސްކްރީން' ވެސް ހިމެނޭގޮތަށް އުފައްދާފައިވާ ވަސީލަތަކަށް ވުމާއެކު، ދަރިވަރުންނަށް ފިލާވަޅު އޮޅުންފިލުވައި ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ފިލާވަޅާއި ގުޅޭ ތަފާތު ކޮންސެޕްޓްތައް ދަރިވަރުންނަށް ވަރަށް ހަގީގަތާއި އެއްގޮތްވާގޮތަށް ދެއްކިދާނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ފިލާވާޅު ފަސޭހައިން އޮޅުންފިލައި، ގިނަދުވަހު ހަނދާނުގައި ބެހެއްޓުމަށް އެހީވެދެއެވެ. އަދި ހިސާބު ޖޯގްރފީ ފަދަ މާއްދާތަކަށް ވަރަށް ބޭނުންތެރި ވަޞީލަތެއް ކަމަށް ކެރަން އެލް ސްމިތު (2015) ހާމަކުރައްވައެވެ.

އޮންލައިން ވަސީލަތްތައް
މިއަދަކީ އަމިއްލައަށް ކަންކަން ހޯދައި ދެނެގަނެ އެދިރާސާ ކުރާ ދުވަހެވެ. އާދެ! ޒަމާނީ ވަޞީލަތްތަކުން އިންސާނުންނަށް ހޯދައިދިން ލުއިފަސޭހަ ހެޔޮގޮތުގައި ހިފަންވީ ދުވަހެވެ. ތިމާއަށް މަޢުލޫމާތެއް ބޭނުންވެ އެމަޢުލޫމާތެއް ނޭނގިހުންނާކަށް މިއަދަކު ނުޖެހޭނެއެވެ. އެއަށްވުރެ ބޮޑަށް މިއަދު މިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސްފައެވެ. އިންޓަނެޓްއޭ މިކިޔޭ ބޮޑު ވިޔުގައިން މުޅިދުނިޔެ މިވަނީ ގުޅުވާލެވިފައެވެ.
އާދެ! އިންޓަނެޓްގެ ބޭނުންތެރިކަން އިންސާނީ ދަރިފަސްކޮޅަށް މިއަދު މިވަނީ ބޮޑުވެފައެވެ. ބޭނުން ބޮޑީ ވަކި މިވެނި ދާއިރާއެކޭ ބުނެ އިނގިލި ދިއްކުރެވޭކަށް ނެތެވެ. ހުރިހައި ދާއިރާއަކަށްވެސް އެހައިމެ ބޭނުންތެރިއެވެ. ވަކިން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް އިންޓަނެޓް ވަރަށް ބޭނުންތެރިއެވެ. ސަބަބުތައް ބައިވަރެވެ. ރިސާޗު ތަކުން ދައްކާ ގޮތުގައި އިންޓަނެޓަކީ ދަރިވަރުންގެ ކިޔެވުމުގައި ވަރަށް މުހިއްމު ބައެއް އަދާ ކުރާއެއްޗެކެވެ. ކިޔަވާދިނުމުގަޔާއި، ކިޔެވުމުގައި އިންޓަނެޓު ބޭނުންކުރުމުން ކުރިން ނޭގޭ އެތައް ކަމެއް އެގިގެންދެއެވެ. މިކަމުގެ ސަބަބުން އެކިއެކި ކަންކަމާމެދު ހީކުރެވޭ ހީކުރެވުންތައް ނެތިގެންގޮސް އިތުބާރާއި ޔަޤީންކަން ލިބިގެންދެއެވެ.
ކިޔެވުމަށް އިންޓަނެޓު ބޭނުންކުރާއިރު އެންމެ މުހިއްމު ކަމަކީ ރަނގަޅު އެކުރެޑިޓު ސައިޓްތަކުން މަޢުލޫމަޓު ލިބިގަތުމެވެ. މި ފަދަ ސައިޓުތަކުން ދަރިވަރުންނަށް ލިބޭ މައުލޫމާތުގެ އިތުރަށް އެސެސް ކުރުމަށްޓަކައި އޮންލައިންކޮށް ހެދުވޭ ކުއިޒްތައް ލިބެން އެބަހުއްޓެވެ. މިފަދަ ކުއިޒްތަކަކީ ވަގުތުން ނަތީޖާ ލިބޭ ކްއިޒް ތަކެކެވެ. އެހެންކަމުން ދަރިވަރުންނަށް، އެކުދިން ކުރި މަސައްކަތުގެ ނަތީޖާ ފަސޭހަ ކަމާއެކު ވަގުތުން ދެނެގަނެވޭނެއެވެ. އަދި މީގެ އިތުރަށް ދަރިވަރަށް ހެދުނު ގޯސްތައް ފާހަގަކޮށް ރަނގަޅުގޮތްވެސް މިފަދަ ޕްރޮގްރާމް ތަކުގައި ބުނެދެވިފައި ހުރެއެވެ. ހަމައެހެންމެ މިއީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ޓީޗަރުންނަށް ވެސް ގެންގުޅެވިދާނެ ވަސީލަތެކެވެ. ފެންވަރު ވަޒަންކުރުމުގެ އިތުރުން ދަރިވަރުނަށް ފިލާވަޅު ކިޔައިދެމުން ދާއިރުވެސް އިންޓަނެޓްގެ ދައުރު ކުޑައެއްނޫނެވެ. މިސާލަކަށް، 'އޮންލައިން ބިޒްނަސް' ކިޔަވައިދެމުންދާއިރު، ދަރިވަރުންނަށް އޮންލައިން ބިޒްނަށް މަސައްކަތްކުރާގޮތް ދައްކާލެވިދާނެއެވެ. 'އީބޭ' ނުވަތަ 'އެމެޒޯން' ފަދަ ވެބްސައިޓް ތަކަކީ އޭގެބޭނުން ކްލާސްރޫމްގައި ބޭނުންކުރެވިދާނެ މުހިއްމު ވެބްސައިޓް ތަކެކެވެ.

ޓީވީ / ޕްރޮޖެކްޓަރ
ޓީވީ ނުވަތަ ޕްރޮޖެކްޓަރަކީވެސް، ކިޔަވައި ދިނުމުގައި ކްލާހުގައި ބޭނުން ކުރެވިދާނެ މުހިއްމު ވަސީލަތެކެވެ. އާއްމުގޮތެއްގައި މިފަދަ ވަސީލަތްތައް ޓީޗަރުން ބޭނުންކުރަނީ ޕަވަޕޮއިންޓް ޕްރެޒެންޓޭޝަން ދެއްކުމަށާއި، ވީޑިއޯ ނުވަތަ ފޮޓޯފަދަ ތަކެތި ކްލާސްރޫމްގައި ބޭނުންކުރަންޖެހޭނަމައެވެ. މިފަދަ ވަސީލަތްތަކަކީވެސް ދަރިވަރުންގެ ކިޔެވުމަށް ރަނގަޅު އަސަރުތަކެއް ކުރަމުންދާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ކްރިސް ޕޮރެސްޓަން އެންޑް ލީ މޯބްރޭ (2008) ހާމަކުރައްވާ ގޮތުގައި މިއަދު ހާލަތަށް ބަލާއިރު ކިޔަވައިދިނުމުގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ އެއްވަޞީލަތެވެ. އެކަށިގެންވާ އަގެއްގައި ލިބެންހުންނަ މިވަޞީލަތް ގިނަ ގައުމުތަކެއް ގައި ބޭނުން ކުރާ ކަމަށް އޭނާ ހާމަކުރައްވައެވެ.
ކްލާސް ވެބްސައިޓް/ބްލޮގްސް
ކްލާސް ވެބްސައިޓް އަދި ބްލޮގަކީ ދަރިވަރުންނާއި ޓިޗަރުންނާއި ދެމެދު 'އަބަދުވެސް' މުޢާމަލާތްކޮށް ވާހަކަދައްކާ ޚިޔާލު ބަދަލު ކޮށްލެވޭނެ ފަސޭހަގޮތެކެވެ. މި ވަސީލަތް ތަކުގެ އެހީގައި ޓިޗަރުންނަށް، ދަރިވަރުންގެ ނޯޓްސް އަދި އެސައިންމެންޓް ފަދަ ތަކެތި ހަވާލުކޮށްލުމަކީ ފަސޭހަ ކަމެކެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ސުވާލުތަކަށް ދުރުގައި ހުރެގެންވެސް ޖަވާބުދީ، ދަރިވަރުންނަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދެއެވެ. މިއަދުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ވެބްސައިޓެއް ނުވަތަ ބްލޮގެއް ތައްޔާރު ކޮށްލުމަކީ ނުހަނު ފަސޭހަ ކަމެކެވެ. ވެބްސައިޓް ހިލޭ ހޯސްޓުކުރުމުގެ ޚިދުމަތްދޭ، ވާރޑްޕްރެސް އަދި ބްލޮގަރ ފަދަ ވެބްސައިޓް ތަކަކީ މިކަމަށް ބޭނުން ހިފިދާނެ ވެބްސައިޓް ތަކެކެވެ.
ކުލާސްރޫމް ޓެކްނޮލޮޖީ ބޭނުންކުރުމުގައި ދިމާވެދާނެ ގޮންޖެހުންތައް
ކިޔަވައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމަކީ ދަރިވަރުންނަށް އޭގެ ސަބަބުން ނުހަނު ފައިދާ ކުރާނެ ކަމެކެވެ. ނަމަވެސް މިކަމުގައި ތަފާތު ގޮންޖެހުންތައް ހުންނާނެ ކަމަށް ޤަބޫލުކުރަން ޖެހެއެވެ. މިކަމުގައި ދިމާވެދާނެ އެއް ގޮންޖެހުމަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތައް ސްކޫލްތަކުގައި ގާއިމް ކުރުމުގައި ދިމާވާނެ ގޮންޖެހުމެވެ. މިފަދަ ވަސީލަތް ތަކަކީ، އަގު ބޮޑު ވަސީލަތް ތަކެކެވެ. އަދި ހަމަ އެހެންމެ މިފަދަ ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީވެސް ފަސޭހަ މަސައްކަތެއް ކަމަކަށް ނުބެލެވެއެވެ. ޚާއްޞަކޮށް މިފަދަ ވަޞީލަތްތަށް މަރާމާތުކޮށް ބެލެހެއްޓުމަށް ކަމުގެ ތަމުރީނު ލިބިފައިވާ މީހުން ބެނުންވެއެވެ.
ހަމައެހެންމެ ޒަމާނީ ވަސީލަތައް ކިޔަވައިދިނުމުގައި ބޭނުން ކުރުމަށް ޓަކައި، ޓީޗަރުން ތަމްރީނުވެ ތައްޔާރުވާން ޖެހެއެވެ. ފިލާވަޅުތަކުގައި ޓެކްނޮލޮޖީ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނީ ޓީޗަރުން އެކަމަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ. އެހެންކަމުން ޓީޗަރުންނަކީ އެފަދަ ގާބިލް ބައަކަށް ވުމަށް ބޭނުންވާ ތަމްރީނު ދޭންޖެހެއެވެ.
މީގެއިތުރުން އިންޓަރނެޓަކީ މައިންބަފައިން ވަރަށް ބޮޑަށް ބިރުވެތިވާ ވަޞީލަތެކެވެ. އަދި މިއީ ގޮންޖެހުން ތަކެއްހުރި މައްސަލައެއް ވެސް މެއެވެ. އެހެނީ މި ވަޞީލަތަކީ ފަސޭހަކަމާއެކު އެކުއްޖަކު ބޭނުންވާ ވިޔާނުދާ ސައިޓްތަކަށް ވަދެވޭގޮތަށް ހުންނަ ވަޞީލަތެކެވެ. ނަމަވެސް މިއީ ރައްކާތެރިކަމުގެ މިއަދު ފިޔަވަޅު އެޅެން ހުންނަ ވަޞީލަތެކެވެ. އެހެންކަމުން މަދަރުސާގައި އެކުދިންނަށް މިވަޞީލަތް ފަހިކޮށްދެއްވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުޙިއްމު ކަމެކެވެ.
މިކަމުން ސަލާމަތް ވުމަށް އިންޓަނެޓް ބޭނުން ކުރުމުގެ އަޚްލާޤީ ރަނގަޅު މިންގަނޑެއް ދަރިވަރުންގެ ކިބައިގައި އަށަގެންނެވޭނީ، މިކަމުގައި މުދައްރިސުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. އެގޮތުން އިންޓަނެޓް ބޭނުންކޮށްގެން ކުރާ އެކިއެކި ކުށްތަކުގެ ( މިސާލަކަށް ހެކްކުރުމާއި ވަގުމަޢުލޫމާތު ބޭނުންކޮށްގެން ނުހައްގުން ލާރިނެގުމާއި ކޮޕީރައިޓްސް އާއި ޚިލާފު ވުމާއި ގޯސް ސައިޓްތައް ބެލުންފަދަ ) މަޢުލޫމާތު ދިނުމާއި މިފަދަކަންތައްތައް ކުރުމުން ލިބޭނެ ގެއްލުންތަކާއި އަދަބުތައް ދަރިވަރުންނަށް ބުނެދީ ހެދުމަކީ ވަރަށް މުޙިއްމު ކަމެކެވެ. މީގެ އިތުރުންވެސް ދަރިވަރުންނަށް ފައިދާ ހުރި ރަނގަޅު ސައިޓްތަކަކީ ކޮބައިކަމާއި އަދި އިންޓަނެޓްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެގޮތްތަށް ބުނެދީ އެކަމަށް ދަރިވަރުން އަހުލުވެރިކުރުމަކީވެސް މުދައްރިސެއްގެ ހައިސިއްޔަތުން ކުރެވިދާނެ ވަރަށް މުޙިއްމު ކަމެކެވެ.
 ނިންމުން
އެއްވެސް ޝައްކެއްނެތް ގޮތުގައި ކިޔަވައިދިނުމުގެ ދާއިރާގައި ޓެކްނޮލޮޖީގެ ކޮޅުމަތި، މިކުޑަކުޑަ ރާއްޖޭގެ ސްކޫލްތަކަށް އަންނަމުންދާ އަވަސް ކުރިއެރުންތަކުން ފެނިގެންދެއެވެ. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ ރާއްޖޭގެ ތަޢުލީމުފޯރުކޮށްދޭ ތަންތަނުގައި މަލްޓިމީޑިޔާގެ ތަފާތު ވަޞީލަތްތައް ބޭނުންކުރެވެމުން ދާކަމެވެ. އެގޮތުން ބަލާއިރު ބައެއް ސްކޫލުތަކުގައި ކިޔަވައިދެނީ ސްމާޓް ބޯޑު ބޭނުންކުރަމުން ދެއެވެ. އަދި ހަމައެންމެ މާލެއާއި ރާއްޖޭގެ ގިނަ ސްކޫލުތަކުގައި  މިހާރު ކިޔަވައިދެނީ ޕްރޮޖެކްޓަރ ބޭނުންކޮށްގެންނެވެ. އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވެނީ މާލޭގައި ހުރި އިންޓަނޭޝަނަލް ސްކޫލުތަކުންނެވެ. އެސްކޫލުތަކުގެ ގިނަ ދަރިވަރުން މިހާރުވެސް ކުލާހަށް ދަނީ އައިޕެޑާއި ޓެބްލެޓްފަދަ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އެކުއެވެ.
މުސްތަޤުބަލުގައި ރާއްޖޭގެ ގިނަ ސްކޫލުތަކަކަށް ސްމާޓް ބޯޑާއި އައިޕެޑް ފަދަ ވަޞީލަތްތައް ތަޢާރަފްވެގެން ދާނެއެވެ. އެހެންވެއްޖެނަމަ، ދަރިވަރުންނަށް މިހާރަށްވުރެ ފުރިހަމައަށް ފިލާވަޅުތައް ބުނެދެވި އަދި ފިލާވަޅުތައް ދަރިވަރުންނާއި އެންމެ އެކަށީގެންވާ ގޮތަށް ރާވައިގެން ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެއެވެ. އަދި ތައުލީމު ޙާސިލް ކުރުމުގައި މިހާރަށްވުރެ ފަހި މާހައުލެއް ދަރިވަރުންނަށް ތަނަވަސްވެގެން ދާނެއެވެ. ހަމައެހެންމެ، މުދައްރިސުންނަށްވެސް މިހާރަށް ވުރެ ރަނގަޅަށް ފިލާވަޅުތައް އޮޅުންފިލުވައިދިނުމަށް ފަސޭހަވެގެންދާނެއެވެ. މުސްތަގުބަލުގައި ފެނިގެންދަނީ، ދަރިވަރުން ގެންގުޅޭ ބަރު ފޮތްތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ ކޮންމެވެސް ވަޞީލްތެއްގެ އެހީގައި އުނގެނެމުންދާ މަންޒަރެވެ.

ރިފަރެންސް ލިސްޓް
ނެޝަނަލް ސެންޓަރ ފޯ ޓެކްނޮލޮޖީ އިން އެޑިއުކޭޝަން (2010) ޑިޖިޓަލް ޕްރޮޖެކްޓަރ  ނެގީ : http://www.pdsttechnologyineducation.ie/en/Technology/Advice-Sheets/Digital-Projectors.pdf
މާޖޯން ޑޭ ގްރޫޓް(2002)މަލްޓިމީޑިއާ ޕްރޮޖެކްޓާރސް އަ ކީ ކޮމްޕޯނެންޓޮ އިން ދަ ކްލާސްރޫމް އޮފް ދަ ފިއުޗާރ ނެގީ : http://atto.buffalo.edu/registered/ATBasics/Populations/UDesign/multi2.pdf
ޔޫސިން ސްމާރޓް ބޯޑްސް އިން ދަ ކުލާސްރޫމް(2015) ނެގީ :
ކްރިސް ޕްރެސްޓަން އެންޑް ލީ މޯބްރޭ (2008) ޔޫސްއިން އޮފް ސްމާރޓް ބޯޑްސް ފޯ ޓީޗިން ލާނިންގ އެންޑް އެސސްމެންޓް  ނެގީ :  http://smartboardita.pbworks.com/f/smartboard%20with%20kindergartener.pdf
ކެރަން އެލް ސްމިތު (2015) އެފެކްޓިވް ޔޫސް އޮފް ޕަވަރ ޕޮއިންޓް ނެގީ :
ވަލެސްކާ ޖިއޯއިއާ އެންޑް މާކް ޑެނިއަލްސް އިންޓަރެކްޓިވް ވައިޓް ބޯޑްސް އިން ދަ ސްޕެޝަލް ނީޑްސް ކްލާސްރޫމް ނެގީ :

އިތުރަށް ބެލި ބައެއް ސައިޓްތައް

23 comments:

  1. ފައިދާހުރި ގިނަ މައުލޫމާތުތަކެއް އެބަހުރި. މައުލޫމާތު މުއްސަނދި ލިޔުމެއް

    ReplyDelete
  2. މިލިޔުމަކީ ދިރާސާކޮށްގެން ވަރަށް މޮޅަށް ލިޔެފައިވާ ލިޔުމެއްކަން ފާހަގަ ކުރެވޭ، މިލިޔުމުން ވަރަށް ގިނަގުނަ މައުލޫމާތު ލިބިގެން ހިނގައްޖެ، އަދި ލިޔުން ލިޔުނު އަދީބަކީ ދިވެހި އަދަބިއްޔާތުގެ ކުލަ ފިސާރި ގަދައަށް ޖެހިފައިވާ ފުއްނާބު އުސް އަދީބެއްކަން ވަރަށްރަނގަޅަށް ދޭހަވެގެންދޭ.

    ReplyDelete
  3. މަޢްލޫމާތް ވަރށް ފުރިހަމަ ،މިމަޢްލޫމާތު ކިުޔާލުމުން ކުރިންއެގިފައި ނުވާ ވަރައް ގިނަ މަޢް ލޫމާތް ތައް އެގިގެން ހިގައްޖެ.

    ReplyDelete
  4. އަސްތަ އަސްތާ ހީވަނީ ގަސްތަކުތެރޭ އުޅެވެހެނޭ، ވަސްދުވާ ގިނަ މާތަކެއް އެއްބޮޑިޔަކުން ބިނދެވުނުހެނޭ
    ބަސްމަގާ އޮއްޓަރުހުރީ ވިސްނޭނެފަދަ އުސްލޫބަކާ ދަސްކުރަން ބޭނުން ނުހަނު ގިނަ ޢިލުމުތައް ހިމެނޭ ހެނޭ

    ReplyDelete
  5. ވަރަށް ފުރިހަމަ މި ލިޔުެއް މަޢުޟޫ އާއި ގުޅޭގޮތުން ބައިތައް ވަކިވަކިން ގެނެސްފައިވާތީވެ

    ReplyDelete
  6. ވަރަށް މައުލޫމާތު މުއްސަނދި ލިޔުމެއް

    ReplyDelete
  7. ވަރަށް މައުލޫމާތު މުއްސަނދި ލިޔުމެއް

    ReplyDelete
  8. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  9. ފެށުން މަޢުޟޫއާ ރީތިކޮށް ގުޅުވާލާފައިވާ ފުރިހަމަ މަޒުމޫނެއްކަންފާހަގަކުރެވެއެވެ. ރަނގަޅުމިންވަރަކަށް ޙަވާލާދެވިފައިވެއެވެ ގިނަތަންތަނުގައި ތަޢާރަފްވި ވާހަކައާއި ގުޅުވާ އޭގެފައިދާ ހިމަނާފައިވެއެވެ އެގޮތަށް ކޮންމެ އައު ޙާލަތެއްގެ ފަހަތުން އޭގެ ފައިދާ ހިމަނާލިނަމަ ވަކިންބޮޑަށް ފުރިހަމަވީހެވެ

    ReplyDelete
  10. މައުލޫމާތު މުއްސަދި ކިޔާހިތްވާގޮތަށް ލިޔެފައިވާ މަޒްމޫނެއްކަން ފާހަގަކުރަން

    ReplyDelete
  11. މިއީ ވަރަށް ރަނގަޅު މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ލިއުމެކެވެ، މިކަން ދީފައިވާ ރިފެރަންސް ތަކުން އެނގެއެވެ. ކިޔަވާ ކުދިންނަށް މިލިއުމުން ނުހަނު ގިނަ ފައިދާ ކުރާނއެވެ.

    ReplyDelete
  12. މިއީ ވަރަށް ރަނގަޅު މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ލިއުމެކެވެ، މިކަން ދީފައިވާ ރިފެރަންސް ތަކުން އެނގެއެވެ. ކިޔަވާ ކުދިންނަށް މިލިއުމުން ނުހަނު ގިނަ ފައިދާ ކުރާނއެވެ.

    ReplyDelete
  13. ޢިލްމީ ދިރާސާއެއް ކުރުމަށްފަހު ލިޔެފައިވާ މަޒުމޫނެކެވެ.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ކްލާސްރޫމަކީ އުނގެނުމަށް ފަހި ވަސީލަތުން މުއްސަނދި ކުރެވިފައިވާ ދަރިވަރުންނަށް މަޢުލޫމާތު ހޯދަން ފަސޭހަ ކްލާހަކަށް ހެދުމަށް ބޭނުންވާ އެތަކެއް މަޢުލޫމާތު ލިބިއްޖެ..ماشاءالله ވ ފުރިހަމަ..

    ReplyDelete
  19. ޢީލްމީ މީހުން ގެ ލިޔުންތަކަކީ ޢިލްމީ އެއްޗެއް! މިދާއިރާގައި ކުރިއަށް ދިއުމުގެ ޤާބިލުކަން އެބަހުރި! ދިރާސާކުރުމާއި، މަޢުލޫމާތު ހޯދުމުގައި ބުރަ މަސައްކަތްތަކެއް ކޮށްފަިވާކަން ފާހަގަވާ ލިޔުމެއް

    ReplyDelete
  20. ޢިލްމީ ދިރާސާ އެއް ކުރުމަށްފަހު ލިޔެފައިވާ ފުރިހަމަ ލިޔުމެއް

    ReplyDelete
  21. މައުލޫމާތު މުއްސަނދި ކިޔާލަން ފަސޭހަ ލިޔުމެއް ކަން ފާހަގަ ކުރެވުނެވެ.

    ReplyDelete
  22. މި އާރޓިކަލް ކިޔާލުމުން ކުލާސް ރޫމުގެ ޓެކްނޮލޮޖީއާބެހޭ ގޮތުން ވަރަށް ބައިވަރު މައުލުމާތު ލިބިއްޖެ.. މީ ވަރަށް ފުރިހަމަ ޢިލްމީގޮތުން ވަރަށް މުއްސަނދި އާރޓިކަލްއެއް.

    ReplyDelete
  23. ވަރަށް ފުރިހަމަ އިލްމީ ލިޔުއްވުމެއް. އިތުރަށް ބުނެލަން އޮތީ ލިޔުންގަނޑުގެ ތެރޭގައި ހަވާލާދީފައި އޭގެ ލިންކް ލައި ހައިޕަރލިންކެއްގެ ގޮތުގައި ހަދާލިނަމަ ވަރަށް ފުރިހަމަ ވީހެވެ.
    ސާބަސް ޢަބްދުއް ރަޙްމާން

    ReplyDelete