Wednesday, November 18, 2015

އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައިސްފައިވާގޮތް ތާރީޚާއެކު



އާމިނަތު ރަޝީދާ



ފެށުން


ދުނިޔޭގެ އެންމެ ޤަދީމީ ތާރީޚުން ފެށިގެންވެސް އިންސާނުން ދިޔައީ އެއިރެއްގެ ޙާލަތަށް ރިޢާޔަތްކޮށް އާހޯދުންތައްހޯދާ އީޖާދުކުރަމުންނެވެ. ބައެއްފަހަރު ނާކާމިޔާބު ވިކަމުގައިވިއަސް ގިނަ ހޯދުންތައް ކާމިޔާބު ވާކަމުގެ ސިއްރަކީ އެގިރޮނގު ރޮނގުން ދުނިޔެ ކުރިއަރާ އޭގެ އެންމެ ކުރިބޯއްޓާހަމައަށް ދަތުރު ފަށާފައިވާކަމެވެ. މިގޮތުން އެންމެ އަވަހަށް ކުރިއަރައި އެންމެ ފުޅާދާއިރާއެއްގައި ތަރައްޤީވަމުންދާ އެއް ހޯދުމަކީ ޓެކްނޮލޮޖީއެވެ. ދިވެހިބަހުގެ ރަދީފުގައި "ޓެކްނޮލޮޖީ" މިބަހުގެ މާނަލިޔުއްވާފައިވަނީ   (1) މަސައްކަތްތެރިކަމުގެ ފަންނުތަކާ ބެހޭ ޢިލްމު. (2) މަސައްކަތްތެރިކަން ކުރިއެރުވުމާބެހޭ ގޮތުން ކުރެވޭ ދިރާސާ. އެވެ. މިދެންނެވި ޓެކްނޮލޮޖީ ދުނިޔެއަށް ތަޢާރަފް ވުމާއެކުވެސް އޭގެ ބޭނުން ތަޢުލީމީ ދާއިރާގައި ހިފޭނެ ގޮތަކާ މެދު ވިސްނަން ފެށުނެވެ.
އަދި އޭރަކު ލިބެން ހުރި ވަޞީލަތުގެ ބޭނުން ހިފާ ދަރިވަރުން އެންމެ ޝައުޤު ވެރިވާ ގޮތަކީ ކޮބައިތޯވެސް ދިޔައީ ބަލަމުންނެވެ.    ނަތީޖާއެއްގެ ގޮތުން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ދުނިޔެއަށް ތަޢާރަފުވެ، ހެދި ފޯދި ކުރިލާ އާރޯވަމުން ދިޔަ އެވެ. ނަތީޖާ އަކީ އުނގެނުމުގެ ދާއިރާގައި ކުދިން، މިއަދު  އެންމެ ގަޔާވާ ވަޞީލަތަކަށްއެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ވެގެން ދިއުމެވެ.

ތަޢުލީމީދާއިރާގެ ތެރެއަށް ކޮމްޕިއުޓަރ ޓެކްނޮލޮޖީ ވަދެގެން ކުރިއަރައިގެން އައިގޮތާއި ދިމާވި އުނދަގޫތައް


މީގެ އެތައް އަހަރުތަކެއް ކުރިން "އަ ނޭޝަން އެޓް ރިސްކް (1983)" ލަފާދެއްވީ، ހައިސްކޫލް (މަތީ ސާނަވީ) އިން ފާސްވުމުގައި ހިމެނޭ 5 "ނިއު ބޭސިކްސް" ގެތެރޭގައި "ކޮމްޕިއުޓަރ ސައިންސް" ހިމެނުމަށެވެ. އޭރުއްސުރެ އެމެރިކާގެ މަދަރުސާތަކުގެ ޓެކްނޮލޮޖީގެ ގާބިލުކަން ވަނީ ބޮޑުކުރިއެރުމެއް އައިސްފައެވެ. މިކަމަށް މަގުތަނަވަސްވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި ޕަބްލިކް އަދި ޕްރައިވެޓް އިންވެސްޓްމެންޓްތަކުގެ ގޮތުގައި ފާއިތުވި 10 އަހަރުގެ ތެރޭގައިއެކަނިވެސް 40 ބިލިއަން ޑޮލަރު އުމްރާނީ އަދި ފަންނީ މީހުން ތަމްރީނުކުރުމަށާއި ފަންނީ އެހީގެގޮތުގައިވަނީ ހޭދަވެފައެވެ.

މިކުރެވުނު ހޭދަތައް އެކަށީގެންވާގޮތެއްގެ މަތިން ދެމެހެއްޓުމަށްޓަކައި އެމެރިކާގެ ޤާނޫނި ލެވެލްއެއްގައި ފިޔަވަޅުތަކެއް އެޅިގެން ދިޔައެވެ. މިގޮތުން އެޅުނު މައިގަނޑު 7 ނުކުތާ އަކީ؛

1. އުމްރާނީފޭރާން ބޮޑަށް ގުޅުވިފައިވާ އަދި އަސާސީތަނަކަށް ހެދުމާއެކު އަތްފޯރާފަށަށް ގެނައުން
2. ގިނަ އަދި ރަންގަޅު ފެންވަރުގެ އުފެއްދުންތަކާއި ސޮފްޓްވެއަރ އުފެއްދުން
3. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޓީޗަރުންނަށް އެކަށީގެންވާ ރަންގަޅު ފެންވަރެއްގައި ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ފޯރުކޮށްދިނުން.
4. މިދާއިރާއިން ކުރެވޭނެ ކަންތައްތައް އިތުރުކުރުމަށް ގިނަ ފަރާތްތަކާއި ގުޅިގެން އާމްދަނީ އިތުރުކުރުން.
5. ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭގޮތަށް ހަރަދުކުރާނެ ގިނަ ފަރާތްތަކެއް ހޯދުން.
6. ރިސާރޗް، އިވެލުއޭޝަން އަދި އެސެސްމަންޓް ގިނަ ކޮށް ފުޅާކުރުން.
7. ސްކޫލު ތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ސަލާމަތްތެރިކަމާއި ޕްރައިވެސީގެ ގޮތުގައި ހިމެނޭ ޕޮލިސީތައް އަބަދުވެސް ބަލައި ބަދަލުގެނެސް އަޕްޑޭޓް ކުރުން.



މި ކަންތައްތައް ތަންފީޒުވެގެންދިޔައިރު ހުރިހާރިޕޯޓަކުންވެސް ފާހަގަކޮށްފައިވާ އެންމެބޮޑު އެއްކަމަކީ ސްކޫލުތަކުގައި އެކަށީގެންވާ ހާރޑްވެއަރ ހުރުމެވެ. އަދި ސްކޫލުތަކަށް ރަނގަޅު ފެންވަރެއްގައި އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތަށް ކޮމްޕިއުޓަރ ޓެކްނޮލޮޖީ ސްކޫލުތަކުގައި ބޭނުންކުރަމުންދާތާ ދުވަސްތަކަކަށްފަހު އިތުރު ފަހުގެ ރިޕޯޓުތަކުން ފާހަގަކޮށްފައިވަނީ ހަމައެކަނި ޓެކްނޮލޮޖީއާއި އަހުލުވެރިވެގެން ކުރިއަށްގެންދިޔުމަށްވުރެ ތައުލީމުލިބިގަންނަ ވަސީލަތެއްގެ ގޮތުގައިވެސް ޓެކްނޮލޮޖީ ބޭނުންކުރުމަކީ މުހިއްމުކަމެއް ކަމުގައެވެ. އަދި އެކަކު އަނެކާގެ ވިސްނުންތަކާއި ހިޔާލުތައް ހާމަކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އަދި އެކަށީގެންވާ މައުލޫމާތު އަދި ޓްރެއިނިންގ ތައްވެސް ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އަދި ހަމަ އެހެންމެ ޓެކްނޮލޮޖީއަކީ ހުރިހާ ފަރާތަކަށްވެސް ފަސޭހަ ކަމާއެއެކު ލިބޭނެ އެއްޗަކަށް ހެދުމެވެ.
 (McKinsey & Company, 1995)

އޭ.ސީ.ޓީ ގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން ޓެކްނޮލޮޖީ އިން ތަޢުލީމަށްކޮށްފައިވާ އަސަރު ދެނެގަނެވޭނެ ދެމިންގަނޑެއް އޮވެއެވެ. އެއް މިންގަނޑަކީ ޓެކްނޮލޮޖީ ރިސޯސަސްއަކީ ފަސޭހައިން ދަރިވަރުންނާއި ޓީޗަރުނަށް އަތްފޯރާފަށެއްގައި ހުރި (އެކްސެސަބިލިޓީ) އެއްޗަކަށް ވުމެވެ. ދެވަނަ ގޮތަކީ ސްކޫލުތަކުންނާއި ޓީޗަރުން ޓެކްނޮލޮޖީ ބޭނުންކުރަނީ އަސްލު ކިހިނެއްކަން އަދި އެކި ގޮތްގޮތަށް އެކި ކަހަލަ ދަރިވަރުންނަށް އެ ބޭނުންކުރާ ގޮތެވެ. މިހާރަށް ބަލާލައިފި ނަމަ ގިނަ ސްކޫލުތަކުގައި ކޮމްޕިއުޓަރ އަކީ ފަސޭހައިން އަތުޖެހޭ ބޭނުންކޮށްލުމުގެ ފުރުޞަތު އޮންނަ އެއްޗެކެވެ. އަދި ކްލާސްރޫމްތަކުގައި ވެސް ކޮމްޕިއުޓަރ އަދި އިންޓަރނެޓް ލިބެން ހުރެ އެވެ. އަދި ޓީޗަރުން ވެސް ކިޔަވާދިނުމުގައި ބޭނުންވާ މަޢުލޫމާތުތައް އަދި ކިޔަވައިދޭނެ އުކުޅުތަކާއި ގޮތްތައް ސްކޫލުގައި ހުރެ އިންޓަރނެޓް ބޭނުންކޮށްގެން ހޯދާކަމުގައިވެސް ރިޕޯޓުގައި ވެއެވެ. ކަން މިގޮތުގައި އޮތް ނަމަވެސް (ކޮމްޕިއުޓަރ ލިބެން ހުރެ، އިންޓަރނެޓް ވެސް ލިބެން ހުރެމެ)، މި އާލާތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރާކަން އޭ.ސީ.ޓީ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މިކަމުގެ ޙައްލެއްކަމަށް ބުނެފައިވަނީ ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރސް ކޮމްޕިއުޓަރ ޓެކްނޮލޮޖީއަށް ބޮޑަށް އަހުލުވެރި ކުރުވުމެވެ. އަދި ބައެއް ތަންތާ ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރސްގެ ފެންވަރު ވަޒަން ކުރުމުގައި ކޮމްޕިއުޓަރ ޓެކްނޮލޮޖީ އެނގޭމިންވަރު ވަޒަންކޮށްފައި ވެއެވެ. (Noeth & Volkov, 2004)


ސްކޫލުތަކުގައި ދަސްކުރުމުގެ މަރުހަލާގައި ޓެކްނޮލޮޖީގެ ދައުރު ފެންނަ މައިގަނޑު 4 ދާއިރާއެއް ވެއެވެ. އެއީ؛
1. ދުވަހެއް ދުވަހަކަށް ތަރައްޤީވަމުން އަންނަ މަސްނޫޢީ ތަކެތި (ޑިޖިޓަލް ކޮންޓެންޓް) ބޭނުންކޮށްގެން ޕްރެކްޓިސް ކޮށް ކިޔަވާދިނުން.
2. ލޮލުންފެނި ދަސްކުރުމުގައި އެހީތެރިވެ، އަސްލު ދުނިޔޭގައި ކަންތައްތައްވަމުންދާގޮތާއި އެއްކަހަލަ އިހުސާސެއްގެނުވައި މިތަޖުރިބާގެ އަލީގައި ތައުލީމު މުއްސަނދިކުރުން.
3. ކޮމްޕިއުޓަރ ޓެކްނޮލޮޖީ އަދި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ބޮޑު މައުލޫމާތުގެ ޚަޒާނާއަކަށް ފުރުސަތުދީ އަދި މުއާމަލާތުކުރުމުގައި އެހީތެރިވެދިނުން.
4. މައުލޫމާތު ގެންގުޅުމުގައި (މެނޭޖް ކުރުމުގައި) އަދި މައްސަލަތައް ހައްލުކުރުމުގައި (ސޯލްވް ޕްރޮބްލަމްސް) އަދި ހަމަ އެހެންމެ އޮޅުންބޮޅުން ގިނަ (ސޮފިސްޓިކޭޓޭޑް) އުފެއްދުންތައް އުފެއްދުމުގައި ސްޕްރެޑް ޝީޓް(މައިކްރޯ ސޮފްޓް އެކްސެލެ ފަދަ)ތަކާއި ޑާޓާބޭސް(މައިކްރޯސޮފްޓް އެކްސެސް ފަދަ)ތަކާއި އެހެނިހެން އެޕްލިކޭޝަން ސޮފްޓްވެއަރ ފަދަ ތަކެތީގެ ބޭނުން ކުރުން.

އަހަރުތަކެއް ފަހުން ސްކޫލުތަކުގައި ކޮމްޕިއުޓަރ ތައް ގިނަވިޔަސް، ދަރިވަރުންގެ ކުރިއެރުން ފާހަގަކުރެވޭ ވަރަށް ބޮޑުވީތޯ ނުވަތަ ކުޑަވީތޯ މިއީ އުފެދޭ ސުވާލެކެވެ. މިގޮތުން ހޯދި ދިރާސާއިން ދައްކާގޮތުގައި؛
1. ކުރީގެ އިރުޝާދުތަކާއި މަސްހުނިކޮށް ކޮމްޕިއުޓަރ ތައް ގެންގުޅުމުން ކުރީގެ ކަރިކިއުލަމްއަށް ބިނާކޮށް ދަރިވަރުންގެ ދަސްކުރުމުގެ ހުނަރު އިތުރުވެ އަސާސީ ހުނަރުތައްވެސް އިތުރުވެއެވެ.
2. ހަމަ އެކަނި ކުރީގެ އިރުޝާދުތައް ބޭނުން ކުރުމަށްވުރެ ކޮމްޕިއުޓަރ ތަކާއިއެކު މަސްހުނިކޮށް ގެންގުޅުމުން ތަފާތު ގިނަގުނަ މާއްދާތަކެއް ދަސްކުރުމުގައި ދަރިވަރުންނަށް ފަސޭހަކަން ލިބި ދަސްކުރާ މިންވަރު އިތުރުވެއެވެ.
3. ކޮމްޕިއުޓަރގެ އެހީގައި ދަސްކުރާ ކުދިންނަށް ދަސްކުރި ތަކެތި ގިނަ ދުވަހު ހަނދާނުގައި ހުރެއެވެ.
4. ކޮމްޕިއުޓަރ ބޭނުންކޮށްގެން ދަސްކުރުމުގައި ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ ޕޮސިޓިވް ވިސްނުމެއްގައި ދަސްކުރުމަށް ކުރިމަތި ލައެވެ.
5. ދަށްކޮށް މާރކްސް ލިބޭކުދިންނާއި "އެޓް ރިސްކް" ކުދިންނަށް ވަކިން ޙާއްސަކޮށް ކޮމްޕިއުޓަރ ބޭނުންކޮށްގެން ދަސްކޮށްދިނުމުން ނަތީޖާ މާރަނގަޅުވެގެން ދެއެވެ.
6. ޓެކްނޮލޮޖީ އަށް ބަރޯސާވާ އަދި ޓެކްނޮލޮޖީގެ އެހީ ލިބިގެންދާ ދަސްކުރުމުގެ ޕްރޮގްރާމްތަށް ކާމިޔާބުކުރުމަށްޓަކައި އެކަށީގެންވާ އަދި ފައިދާކުރަނިވި ތަމްރީނުތައް ދެވިފައިވާ ޓީޗަރުންތިބުމަކީ މުހިއްމު ކަމެކެވެ.

ޓެކްނޮލޮޖީ އެންމެރަނގަޅު ގޮތުގައި ބޭނުންކުރުމަށް އެކަމަށް އެކަށޭނެފެންވަރަށް ތަމްރީނުވެފައިވާ ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރުން ތިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މުޅި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވާދިނުމުގެ ބޭނުން ބިނާވެގެން ދަނީ މިފަރާތްތަކަށެވެ. މިފަރާތްތަކުން ޓެކްނޮލޮޖީ އަށް ތައްޔާރުވެފައިވާ މިންވަރާއި ހުނަރުގެ މައްޗަށެވެ. އެހެންކަމުން ޓެކްނޮލޮޖީ އަށް އަހުލުވެރި ދަރިވަރުންތަކެއް އަދި އޭގެ ފައިދާލިބިގެން ނުކުންނަ ދަރިވަރުންތަކެއް މުޖުތަމަޢަށް ނެރެވޭނީ ފުރަތަމަ އެ ދަރިވަރުންނަށް ކިޔަވައިދޭ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ދެވިގެންނެވެ. އަދި ކަރިކިއުލަމްގައި މިކަންތައްތައް ހިމެނިގެންނެވެ. މިގޮތުން ކިޔަވައިދޭ ފަރާތްތަކުގައި ހުންނަންޖެހޭ އެންމެ އަސާސީ ބައެއް ސިފަތަކުގެ ތެރޭގައި؛
1. އަމިއްލަ ކުރިއެރުމަށް ޓެކްނޮލޮޖީ ބޭނުންކުރުން.
2. ވަކި މާއްދާއެއް ދަސްކުރުމުގައި ޓެކްނޮލޮޖީ ބޭނުންކުރުން.
3. ޓެކްނޮލޮޖީ ހިމެނިފައިވާ ދަސްކުރުމުގެ ހަރަކާތްތަކަށް ފެތި ނުވަތަ ފަރުމާ ކުރުން.
4. ދަރިވަރުންތަކަށް ގުޅޭ، ދަރިވަރުން ޝާމިލުވާފަދަ ޓެކްނޮލޮޖީ ހިމެނިފައިވާ ދަސްކުރުމުގެ ހަރަކާތްތަށް މެނޭޖް ކުރުން.
5. ޓެކްނޮލޮޖީ ހިމެނިފައިވާ ދަސްކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ފެންވަރު ވަޒަން ކުރުން (އެސެސް ކުރުން).

ޓެކްނޮލޮޖީ ތަޢްލީމީދާއިރާގައި ބޭނުންކުރާގޮތަކީ އެންމެރަނގަޅުގޮތްކަމުގައި ހެދުމަށް ދެން އެންމެ މުހިއްމު ބަޔަކީ އިވެލުއޭޓާރސް އެވެ. އިވެލުއޭޓް ކުރުމުގައި އިންސާނުން އަދި ކޮމްޕިއުޓަރ ޓެކްނޮލޮޖީ އިންޕުޓްސް (ދަރިވަރުން، ޓީޗަރުން، ސްކޫލް، ކްލާސްރޫމް، އަދި އެހެނިހެން ތަކެތި)، ޕްރޮސެސް (ސްކޫލްތަކާއި ކްލާސްރޫމުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ދާއިރާތައް އަދި ވައްތަރުތައް)، އަދި އުއްމީދުކުރެވިފައިވާ ނަތީޖާއާއި އުއްމީދު ކުރެވިފައިނުވާ ނަތީޖާތައް (ދަރިވަރުން، ޓީޗަރުން، އާއިލާ، ސްކޫލް، އަދީ އިޖްތިމާޢީ ނަތީޖާތައް) ބޭނުން ކުރެވިދާނެއެވެ. އިވެލުއޭޝަން އަކީ ހަމައެކަނި ނަތީޖާއާއި އޭގެސަބަނުން ވާކަންތައްތަކަށް އެކަނި ބަރޯސާވެފައިވާ އެއްޗަކަށް ވެގެންނުވާނެއެވެ. މީގެއިތުރުން ޕްރޮގްރާމް ގެންދިޔަގޮތުގެ ހަރުފަތްތަކާއި އޭގެ ބުރަދަނާއި އަދި އޭގެ މަޤުސަދުތަކާއި ލަނޑުދަނޑިތަކަށްވެސް ބަރޯސާވާން ޖެހޭނެއެވެ.

މިހުރިހާކަމަކަށް ބަލާ، ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވާދިނުމާއި، ދަސްކުރުމާއި ނަތީޖާތައް އެންމެރަނގަޅު ގޮތުގައި އިވެލުއޭޓްކުރުމަށްޓަކައި ކުރެވިދާނެ 3 ކަމެއް ވެއެވެ. މިކަންތައްތައް ޚާއްސަވެގެންދަނީ ލީޑަރުންނާއި ޕޮލިސީލެވެލްގައި އުޅުއްވާބޭފުޅުންނަށެވެ. މި ކަންތައްތަކަކީ؛
1. ބޭނުންކުރަން ރާވާފައިވާ ޓެކްނޮލޮޖީއިން ނުކުންނަން އެދޭ ނަތީޖާއަކީ މިކަމުގައި ބައިވެރިވާ ނުވަތަ ރާވާ އެންމެންގެ މެދުގައި އެއްބަސްވެވިފައިވާ އެއް ކަންތައްތަކެއް ކަމުގައި ވުން.
2. އެންމެންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ލަނޑުދަންޑިތައް ހާސިލުކުރުމަށްޓަކައި އިވެލުއޭޓްކުރާނެ މިންގަނޑުތަކެއް ކޮންމެ ޓެކްނޮލޮޖީ ޕްލޭނެއްގައި އެކުލަވާލާ، ބަޔާންކޮށް އަދި އެއްބަސްވެފައިވާ ލަނޑުދަނޑިތައް ހާސިލްވޭތޯ އެސެސް ކުރަން ޖެހޭނެއެވެ.
3. ސްކޫލުތަކުގެ ކޯސްތަކަށް ޓެކްނޮލޮޖީ އެންމެ ރަނގަޅުގޮތުގައި ބޭނުންކުރެވޭނީ ކިހިނެއްކަންދެނެގަނެވޭނެ ފަދަ ގާބިލު ބަޔަކަށް ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރުން ހެދުމަށް ހުއްޓުމެއްނެތި ތަމްރީނުދީ، މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެއެވެ.


ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މިއަދުގެ ކްލާސްރޫމްތަކުގައި ކުރާބައެއް ކަންތައްތައް


މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ބިނާކޮށް ދުނިޔޭގައި ތަޢުލީމު ދިނުމުގެ ނިޒާމުގެ ތެރެއަށް ކޮމްޕިއުޓަރ ޓެކްނޮލޮޖީ ވަނީ ވަރަށްބޮޑަށް ވަދެ، ވަރަށް ފުރިހަމަ ދައުރެއް އަދާކޮށްފައެވެ. މިއަދުގެ ކިޔެވުމުގެ މަރުޙަލާގައި ދުނިޔޭގެ ގިނަ ތަންތާނގައި ކޮމްޕިއުޓަރ ޓެކްނޮލޮޖީއަކީ ވަރަށް މުހިއްމު އަދި ވަރަށް އަސާސީ އެއްޗަކަށް ވަނީ ވެފައެވެ. އެއާނުލާ ކިޔެވުން އަދި ކިޔަވާދިނުމަކީ މިހާރު ގިނަ ތަންތާނގައި ވަރަށް އުނދަގޫ ކަމަކަށް ވަނީ ވެފައެވެ.
އިންޓަރެކްޓިވް ވައިޓްބޯރޑެއް ބޭނުންކޮށްގެން ކްލާހެއްގައި ފިލާވަޅެއް ނަގައިދެނީ
ދަރިވަރުންގެ ކިޔެވުމުގައި ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ޒަރީއާއިން ބޭނުންކުރާ ވަސީލަތްތައްވެސް ދުވަހެއް ދުވަހަކަށް ތަރައްޤީވެ، ފަސޭހަކަމާއިއެކު ލިބޭ އަދި ނުހަނު ޝައުޤުވެރި އެއްޗަކަށް ވަނީ ވެފައެވެ. ކިޔަވާކުދިންވެސް ކޮމްޕިއުޓަރ ޓެކްނޮލޮޖީއާނުލާ ހިންގާ ކްލާސްތަކަށްވުރެ ޝައުގުވެރިވެފައި އަވަހަށް ފިލާވަޅު ނަގައިގަނެވެނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހިންގާ ކްލާސްތަކަށެވެ. މިގޮތުން މިއަދުގެ ކްލާސްރޫމްތަކުގައި ޓެކްނޮލޮޖީ ގެބޭނުންކޮށްގެން ކުރާ ބައެއް ކަންތައްތަކަށް ބަލާލައި، އަދި ޓެކްނޮލޮޖީގެ ކުރިން މިކަންތައްތައް ކުރަމުން އައީ ކިހިނެއްތޯވެސް ބަލާލާނަމެވެ.


ކޮމްޕިއުޓަރ ސިސްޓަމް

އެޑިއުކޭޝަން ސިސްޓަމްގެ ތެރެއަށް ޓެކްނޮލޮޖީ ވަނުމުގެ މަސްދަރަކީ ކޮމްޕިއުޓަރ ސިސްޓަމެވެ. ޕާރސަނަލް ކޮމްޕިއުޓަރ ނުވަތަ ޕީ.ސީ އަކީ މިހާރު މަދު ތަނެއް ފިޔަވާ ގިނަ މުއައްސަސާތަކުގައާއި ސްކޫލުތަކުގައާއި (އަދި ކިޔަވަދޭ އެހެނިހެން ޔުނިވަރސިޓީ ކޮލެޖް ފަދަ ތަންތަން) އާންމު ފަރުދުންގެ ގޭގައިވެސް ފަސޭހަކަމާއެކު ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ކޮންމެ ކްލާސްރޫމެއްގައި ޕީ.ސީ އެއް ނެތްކަމުގައިވިޔަސް ހުރިހާ ކުދިންނަށް ބޭނުންކުރެވޭނެ ކޮމްޕިއުޓަރ ލެބެއް ހުރެއެވެ. އަދި ތަޢުލީމު އުންގެނެމުން އަންނަ ދަރިވަރުންނަށް (ޚާއްސަކޮށް އުމުރުން ހަނގު ދަރިވަރުންނަށް) ޕީ.ސީ ގެ ޒަރިޔާއިން ހިންގާ ދަސްކުރުމުގެ ޕްރޮގްރާމްތަކަކީ ނުހަނު ޝައުގުވެރިކަމާއެކު ޝާމިލުވާ ޕްރޮގްރާމްތަކެކެވެ.

1975ވަނަ އަހަރު، "އެޕަލް އިންކް" އިން "އެޕަލް 1" މަރުކާގެ ކޮމްޕިއުޓަރ ތަކެއް ސްކޫލުތަކަށް ހަދިޔާ ކުރަންފެށިއެވެ. މި ދުވަސްވަރު ކޮމްޕިއުޓަރ ބޭނުންކުރުން ވަރަށް ހަލުވިކޮށް ކުރިއަރައިގެން ދިޔައެވެ. (Murdock, 2007) އަދި 1977ވަނަ އަހަރު، ލަފާކުރެވޭގޮތުގައި "ޑާރތްމައުތް ކޮލެޖް" ގެ %90 ދަރިވަރުންވަނީ އެކުދިންގެ ކޮލެޖް ކެރިއަރގެ ކޮންމެވެސް ހިސާބެއްގައި ކޮމްޕިއުޓަރގެ ބޭނުންހިފާފައެވެ. (Haney, 1977)

 އެޕަލް އިންކް އިން އުފެއްދި އެޕަލް 1 ކޮމްޕިއުޓަރ
ސްކޫލުތަކަށް ކިޔެވުމަށް ޚާއްސަ ޕްރޮގްރާމްސްތައް ފަރުމާވެގެން އަންނަންފެށީ 1980 ގެ ކުރީ ކޮޅުގައެވެ. ސްކޫލުތަކުގެ މެދުގައި، ބޭނުންކުރާނީ ކޮންބައެއް އުފައްދާފައިވާ ކޮމްޕިއުޓަރއެއްތޯ ސުވާލު އުފެދެންފެށީ މިދުވަސްވަރުގައެވެ. އާންމުކޮށް ގްރޭޑްތަކުގެ ދަރިވަރުންބޭނުން ކުރީ އެޕަލް ކޮމްޕިއުޓަރތަކެވެ. އަދި މަތީތަޢުލީމުގެ ދަރިވަރުން ބޭނުންކުރަމުން ދިޔައީ "ޑޮސް" (ޑީ.އޯ.އެސް)އަށް ބަރޯސާވެފައިވާ ކޮމްޕިއުޓަރ ތަކެވެ. އަދި ހާރޑްވެއަރ އެކަށީގެންވާ ވަރަށްނުލިބުމުގެ ސަބަބުން ޓީޗަރުންނަށް ދަރިވަރުންގެ ބޭނުންތަކަށްފުދޭ ވަރަށް ކޮމްޕިއުޓަރ ސިސްޓަމްތައް ފޯރުކޮށް ނުދެވެއެވެ. (Johnstone, 2003)ކަން މިހެން ހުރިނަމަވެސް އޭރުގައި އެމެރިކާގެ އާންމު ސްކޫލުތަކުގައި ކޮމްޕިއުޓަރަކީ ތަދު އެއްޗެއްކަމުގައި ވީނަމަވެސް، 1989 އާ ހަމައަށް ދިޔައިރު ކޮންމެ ސްކޫލު ސަރަހައްދެއްގައި ކަހަލަ ގޮތަކަށް ކޮމްޕިއުޓަރެއް ހުއްޓެވެ.(Associated Press, 1989) 

1990 އަށް ދުނިޔެ އަލިވިލީ ޓެކްނޮލޮޖީގެ މޮޑަރން މީޑިއާ އާއެކުގައެވެ."ސީ.ޑީ-އާރ.އޯ.އެމް" (ސީޑީ ރޮމް) އާއި ޕްރެސެންޓޭޝަންތައް ހެދުމަށް ޚާއްޞަ "މިކްރޯސޮފްޓް ޕަވަރ ޕޮއިންޓް" ފަދަ ސޮފްޓްވެއަރ ތައްވަނީ ޓެކްނޮލޮޖީއަށް ބޮޑު އިންޤިލާބެއް ގެނެސްދީފައެވެ. އަދި "އިލެކްޓްރޯނިކް ވައިޓްބޯރޑް" އާއި "ލެޕްޓޮޕް ކޮމްޕިއުޓަރ" ތައްވެސް ދަރިވަރުންގެ އަތްފޯރާ ފަށަށް އައެވެ. "މެތޯޑިސްޓް ލޭޑީޒް ކޮލެޖް" ވެގެންދިޔައީ ކޮންމެ ދަރިވަރަކު ލެޕްޓޮޕެއް ގަންނަންޖެހޭގޮތަށް ކަނޑައެޅި ފުރަތަމަ ކެމްޕަހަށެވެ. ދުނިޔޭގެ އެކިޤައުމުތަކަށް ޓެކްނޮލޮޖީގެ ފައިދާފެނި ފައިސާގެ ގޮތުގައި މިކަމަށް ހޭދަވާމިންވަރު އިތުރުކޮށް ކޮމްޕިއުޓަރ ތަކާއި ލެޕްޓޮޕްތައް އެހެނިހެން ކޮލެޖްތަކުގައިވެސް އަހުލުވެރިކުރުމަށް މަސައްކަތް ފެށިއެވެ. (Johnstone, 2003) ހަމމިއާއެކު އަމިއްލަ ފަރާތްތަކުން ވެސް ވަނީ މިކަމަށް ބޮޑެތި ހޭދަކުރަނަ ފަށާފައެވެ. މިގޮތުން 1996ގައި ބިލް ކްލިންޓަންވަނީ ފައިސާގެ އެހީގެގޮތުގައި 2ބިލިއަން ޑޮލަރަށްވުރެ ގިނައަދަދެއް "ޓެކްނޮލޮޖީ ލިޓެރަސީ ޗެލެންޖް ފަންޑު" އަށް ހަދިޔާކޮށްދެއްވާފައެވެ.
ކޮމްޕިއުޓަރގައި މަޢުލޫމާތު ރައްކާކުރުމަށް ގެންގުޅުނު ސީ.ޑީ ރޮމް
1997 އިން 1999 ވަނައަހަރާއި ހަމައަށްއައި އިރު، މަލްޓިމީޑިއާ ކޮމްޕިއުޓަރ (އަޑާއި މަންޒަރު އެކުލެވިގެންވާ) ބޭނުންކުރާކުދިންގެ ޢަދަދު،ބޮލަކަށް ޖެހޭ ޢަދަދު އިތުރުވެގެން ދިޔައެވެ. މިގޮތުން ކުރިން ކޮންމެ 21 ކުއްޖަކަށް ކޮމްޕިއުޓަރެއް ހުންނަ އިރު، މިޢަދަދު ކޮންމެ 10 ކުއްޖަކަށް ކޮންޕިއިޓަރަކަށް ބަދަލުވެގެން ދިޔައެވެ. އަދި މިކަމަށް ޚާއްޞަ ކްލާސްރޫމްތައް ހަދަން ފެށިއެވެ. މިގޮތުން "ޖޯޖިއާ ޓެކް" ގައި 1999ވަނަ އަހަރު އުފެއްދި "ކްލާސްރޫމް 2000" ވެގެންދިޔައީ ކޮމްޕިއުޓަރގައި އަޑާއި މަންޒަރު އެކުލެވިގެންދިޔަ ކްލާހަކަށެވެ. އަދި ކުރީގެ ލެކްޗަރ ތަކުގައި ނޯޓްނެގުމުގެ ސިޔާސަތު ކޮމްޕިއުޓަރގައި ރެކޯރޑްކުރެވިފައިވާ ލެކްޗަރ ތަކެއްގެގޮތުގައި ބަދަލުވެގެން ދިޔައެވެ.  (Snuggs, 1999) އަދި މިގޮތަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ލެކްޗަރތައް ރެކޯރޑްކޮށް ހެދުން އާންމުވެގެން ދިޔައެވެ. 2000 ވަނައަހަރަށް އައި އިރު އެމެރިކާގައި ކޮންމެ 5 ކުއްޖަކަށް ކޮމްޕިއިޓަރެއް ޖެހޭވަރަށް ކޮމްޕިއުޓަރތައް ގިނަވެގެން ދިޔައެވެ. 
 ކުރީގައި ބޭނުންކުރި ކޮމްޕިއުޓަރ ސިސްޓަމެއް، އަޑުއަންނާނެ ސްޕީކަރ ސެޓަކާއިއެކު

ގިނަ ސްކޫލުތަކުން މިފަދަ ކްލާސްރޫމްތައް ހަދައި، ވަރުގަދަ "ނެޓްވޯރކް"ތައް (ވިއުގަ) އަޅާ، ހަލުވި އިންޓަރނެޓްގެ ބޭނުންކޮށް ގުޅި ލާމެހިފައިވާ ކްލާސްރޫމްތަކެއް އުފެދުނެވެ. 2010 އާހަމައަށް އާދެވުނު އިރު ގިނަ ސްކޫލު ސަރަހައްދުގައި "އެކަކު އެކަކަށް ދަސްކުރުމުގެ ޕްރޮގްރާމް" ހިންގާ އަދި ބާރުދީހެދިއެވެ. (Brown & Jinkins, 2010) މީގެން ގްރޭޑްތަކުގެ ކޮންމެ ކުއްޖަކީ ލެޕްޓޮޕެއްލިބިގެންދާނެ ކުއްޖެއްކަން ޔަގީންކުރެވުނެވެ.

އިންޓަރނެޓް / ވީޑިއޯ ކޮންފަރެންސިންގ / އޯޑިއޯ ވީޑިއޯ

 އިންޓަރނެޓް


ބޭނުންވާ ކޮންމެ މަޢުލޫމާތެއްވަނީ ތިމާގެ އިނގިލިކުރީގައޭ ބުނެވެނީ އިންޓަރނެޓަށެވެ. 2015 ވަނަ އަހަރު އައިއިރު އިންޓަރނެޓްވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައެވެ. ދުނިޔެއިންބޭރު ސޯލާރ ސިސްޓަމްވަށާ ބުރުޖަހަމުންގެންދާ އުޅަނދުތައް، އަދި އެހެނިހެން ޕްލެނެޓްތަކަށް ޒިޔާރަތްކުރާ އުޅަނދުތައް ކޮންޓްރޯލް ކުރަނީ ދުނިޔޭގެ ބިންމަތީ ތިބެގެންނެވެ. އެއްކަންކޮޅުގައި ހިނގަމުންދާ ހަރަކާތެއްގެ މަންޒަރާއި އަޑު ވަގުތުން ވަގުތަށް މުޅިދުނިޔެއަށް ފޯރުކޮށްދެވެއެވެ. ގުނާއަދަދު ނުކުރެވޭމިންވަރަށް ލިޔުންތަކާއި ފޮޓޯތަކާއި ވީޑިއޯތަށް އެހެރީ އަތްފޯރާ ފަށުގައެވެ. ލައިބްރަރީއެއްގައި 4 ގަޑިއިރު ހޭދަކޮށްގެން ހޯދާލަންބޭނުންވާ މައުލޫމާތު އިންޓަރނެޓް ބޭނުންކޮށްގެން 4 މިނެޓްތެރޭ ހޯދާލެވެއެވެ.
އިންޓަރނެޓްގައި އެއްޗެއް ހޯދާލުމަށް ޖަހާލުމުން އެންމެ 0.38 ސިކުންތުގެ ތެރޭގައި 200 މިލިއަނަށްވުރެ ގިނަ ނަތީޖާ
މިފުރުސަތުގެ ބޭނުން އުފެއްދުންތެރިކޮށް ބޭނުންކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބްލޮގްތަކާއި އޮންލައިން ޖާރނަލްތައް ގިނަވެ މައުލޫމާތުހޯދާ ފަރާތްތަކުގެ މުހިއްމު މަސްދަރަކަށް ވަނީ ވެފައެވެ. ދަރިވަރުންތަކަށް އެބައެއްގެ އަމިއްލަ ޚިޔާލާއި އަމިއްލަ ތަޖުރިބާއަށްބަރޯސާވެ އާބަޔަކަށް (އޯޑިއަންސް) ރައްދުވާގޮތަށް ޝާއިރު ކުރެވުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އަދި ޓީޗަރުގެ އިތުރުން ރަހުމަތްތެރިންނާއި ކިޔަވާ އެހެންކުދިންގެ އިތުރުން އަދި ދުނިޔޭގެ އެހެންތަންތާނގައި ތިބެ އެލިޔުން ކިޔާފަރާތްތަކުގެ ބިނާކުރަނިވި ފާޑުކިޔުން ލިބިގެން ދިޔުމުގެ ފުރުޞަތު ލިބިގެން ދެއެވެ. އަދި ލިޔުންތެރިއަކަށް ނުވަތަ ޕަބްލިޝަރ އަކަށް ވުމުގެ ފުރުޞަތު މިފަރާތްތަކަށް ލިބިގެން ދެއެވެ. މިފުރުޞަތުގެ ސަބަބުން، ލިޔުން ކިޔާނީ ހަމައެކަނި ޓީޗަރާއި ދަރިވަރުން ނޫންކަމާއި، ފާޑުކިޔާނެ އެތައް އެތައް ފަރާތްތަކުން މިލިޔުން ކިޔާނެކަން އެނގިހުރެ، ޝާއިރުކުރާ ކޮންމެ ލިޔުމަކަށް، ލިޔާފަރާތުން އިތުރަށް ފާރަވެރިވެ، ކުށްކަނޑާ އަދި މާބޮޑަށް ސަމާލުވެހުރެ ޝާއިރު ކުރާނެއެވެ. (Driscoll, 2007) މީގެ ސަބަބުން ޝާއިރު ކުރާ ކޮންމެ ލިޔުމަކީ މައުލޫމާތުގެ ގޮތުގައި އަދި ޒިންމާދާރުކަމުގެ ގޮތުގައި މުއްސަނދި ލިޔުމަކަށް ވެގެންދެއެވެ.

ވީޑިއޯ ކޮންފަރެންސިންގ


ތައުލީމީދުނިޔެއަށް ބަލާލާއިރު، އެކިކަންކޮޅުގެ ޔުނިވަރސިޓީތައް ވެބްކެމް (އިންޓަރނެޓް ކެމެރާ) ބޭނުންކޮށްގެން ގުޅުވާލެވެއެވެ. ޕްރޮޖެކްޓަރ ބޭނުންކޮށްގެން ގިނަފަރާތްކަށް އެއްފަހަރާ ފެންނާނެހެން ކްލާސްތައް ނެގުމުގެ ފުރުސަތު ލިބެއެވެ. ކިޔަވަދެއްވާ ލެކްޗަރަރ އެގައުމުގައި ހުންނަވައިގެން އެހެން ކޮންމެތަނެއްގައި ހުރި ކްލާހަކަށް ނުވަތަ ކްލާސްތަކަށް އެއްފަހަރާ ކްލާސް ނަގައިދެވެއެވެ. (Richardson, 2007) މީގެސަބަނުން ހަމައެކަނި ފީޑްބެކް ފޮނުވާ ލިބުމުގެ އިތުރުން އެއްކޮށް މަސައްކަތް ކޮށް އުފައްދާ، ބިނާކޮށް އަދި އުނިއިތުރު ގެނައުމުގެ ފުރުސަތުވެސް ލިބެއެވެ. (Driscoll, 2007)
އިންޓަރނެޓް ބޭނުންކޮށްގެން ކެމެރާއެއް މެދުވެރިކޮށް 2 ތަނުގައި ހުރި 2 ކްލާހަކަށް އެއްފަހަރާ ފިލާވަޅެއް ނަގައިދެނީ

އޯޑިއޯ ވީޑީއޯ


އިންޓަރނެޓްގެ ވަސީލަތްތަކުގެ ދީލަތިކަމުގެ (ވާރސަޓަލިޓީގެ) ސަބަބުން އެކިއެކި ކަހަލަ މައުލޫމާތު އެކި ސިފަސިފައިގައި ލިބެން ހުރެއެވެ. ސްކޫލުތަކުގައި "ޕޮޑްކާސްޓް"ގެ ގޮތުގައި ލިބެންހުންނަ އަޑުތައް "ޑައުންލޯޑް" (ނެޓުން ކޮމްޕިއުޓަރ އަށް އެޅުން) ކުރުމުން ބޭނުންއިރަކު ބޭނުންވަރަކަށް އަޑުއަހާލާ މަޑުޖައްސާލާ ހަދާލެވެއެވެ. އަދި "ވޮޑްކާސްޓް" ގެ ގޮތުގައި ލިބެންހުންނަ މަންޒަރުތައްވެސް މިފަދައިން ބޭނުންކުރެވެއެވެ. އަދި ދަރިވަރުންނަށް އަމިއްލަ ހަލުއިމިނެއްގައި ދަސްކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދެއެވެ. އަދި ދޭހަވަންދެން ބޭނުންވަރަކަށް ބޭނުންއިރަކު ތަކުރާރުކޮށް އަޑުއަހާލަން ނުވަތަ ބަލާލަން ބޭނުންއެއްޗެއް ބަލާލެވެއެވެ. އަދި ކިޔެވުމުގައި އިތުރުއެހީއަށް ބޭނުންވާކުދިންނަށްވެސް މިއީ ވަރަށް ބޭނުންތެރި ޓެކްނޮލޮޖީއެކެވެ. (Driscoll, 2007

ހާރޑް ޑްރައިވް / ޕެން ޑްރައިވް


އެތައް ސަތޭކަ ފޮތްތަކުގައި ހިމެނޭ ހުރިހާ މައުލޫމަތު މިހާރުގެންގުޅޭ ޕެންޑްރައިވްއެއްގައި ރައްކާކުރެވެއެވެ. ކުޑަފޮހޭ ރަބަރެއްވަރުގެ މިއާލާތަށް މަސައްކަތްކުރާ ފައިލްތަކާއި ފޮޓޯ، ވީޑިއޯފަދަ ތަކެތިވެސް ރައްކާކުރެވެއެވެ. އެންމެ ފުރަތަމަ ޕެންޑްރައިވެއެއްގެ ގޮތުގައި ހަދައި ބާޒާރަށް ނެރެފައިވަނީ 8އެމްބީގެ "އައި.ބީ.އެމް ޑިސްކް އޮން ކީ"މަރުކާގެ ޕެންޑްރައިވްއެކެވެ. (Beissel, 2011) މިއަށް ދެވިފައިވާ ނަމަކީ "ތަމްބް ޑްރައިވް" އެވެ. އެއީ 2000 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. އެހެން ނަމަވެސް މިހާރު މި އަދަދު ގިނަވެ 1ޓީބީ އާހަމައަށް މައުލޫމާތު ރައްކާކުރެވޭ ޕެން ޑްރައިވް ލިބެން އެބަ ހުއްޓެވެ. (Kingston Technology, 2013) 
އައި.ބީ.އެމްގެ "ޑިސްކް އޮން ކީ"ގެ ނަމުގައި އުފެއްދި، މިހާރުގެ ޒަމާނީ ޕެންޑްރައިވްގެ ފެށުން

މިއަށްވުރެ ގިނައަދަދަކަށް އެއްޗެހި ރައްކާކުރައްވަން ބޭނުންވާކަމުގައިވާނަމަ ހާރޑްޑްރައިވް އެއް ބޭނުންކުރެއެވެ. މީގައި އެތައްހާސް ފޮތްތަކުގެ މަޢުލޫމާތު ރައްކާކުރެވެއެވެ. ސްކޫލެއްގެ ލައިބްރަރީގައި ހުރިހުރިހާފޮތެއްގެ މައުލޫމާތު، ޖީބަށްލެވޭ ޕާސްޕޯޓެއްހާ ކުޑައާލާތަކަށް އަޅާލެވެއެވެ. މިހާރު މިފެންނަފަދަ ހާރްޑް ޑްރައިވް އެއް އެންމެ ފުރަތަމަ އުފެއްދީވެސް "އައި.ބީ.އެމް" އިންނެވެ. "އައި.ބީ.އެމް 305 އާރ.އޭ.އެމް.އޭ.ސީ" ނަމަކަށް ކިޔުނު މި ހާރްޑްޑްރައިވް އުފައްދާފައިވަނީ 1958 ވަނަ އަހަރުގައެވެ.
 (I. B. M. TO PUT OUT NEW "THINK" UNITS, 1956) 

މިހާރުގެ ހާރޑްޑްރައިވްގެ ފެށުންކަމުގައިވި އައި.ބީ.އެމް ގެ އުފެއްދުން

މި ހާރްޑް ޑްރައިވްތައް ބޭނުންކުރެވެނީ ވަކި ހަމަތަކެއްގައި ހިފެހެއްޓިފައިވާ "ޑާޓާ ސެންޓަރ" ތަކެއްގައި އެކްނަޏެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް މިވެސް ތަރައްޤީވެ، ހާރްޑްޑްރައިވް ލުއިވެ ކުޑަވެ، ފެކްޓްރީތަކަށް އައިސް، އެއަށްފަހު އޮފީސްތަކަށް އަދި ގޭގެއަށް އައުމަށްފަހު މިހާރު ޖީބުތަކާއި ހަމައަށްވަނީ އައިސްފައެވެ. 1990ގެ އަހަރުތަކުގައި އާންމުކޮށް ކޮމްޕިއުޓަރއެއްގައި ހުންނަނީ 1ޖީބީ އެވެ. ޑިސެމްބަރ 2014 އައިއިރު 500ޖީބީ އިންފެށިގެންގޮސް 4000ޖީބީ (4ޓީބީ)އާހަމަށް މަޢުލޫމާތު ރައްކާކުރެވޭ ހާރްޑްޑްރައިވްތައް އާންމުވެގެންދިޔައިރު 8ޓީބީ ގެ ހާރްޑްޑްރައިވްވެސް ލިބެން ހުރެއެވެ. (Ramdam, 2015) 

މާތު ހަތަރު ޓީ.ބީ ގެ މަޢުލޫމާތު ރައްކާކުރެވޭ، ޖީބަށްލެވޭވަރުގެ ހާރޑްޑްރައިވްއެއް

މީގެކުރިން ގިނަ އަދަދެއްގެ މަޢުލޫމާތުހޯދަން ދާންޖެހެނީ ލައިބްރަރީފަދަ ތަންތަނަށެވެ. އަދި ބޭނުންވާ މަޢުލޫމާތު ލިބެންދެން އެކިއެކި ފޮތްތައް ބަލައި ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ. އެހެންނަމަވެސް އިންޓަނެޓްގެ ޒަރީޢާއިން ލިބޭމަޢުލޫމަތު ތަކާއި ފޮތްތައް ހާރޑް ޑްރައިވްއަކަށް ނުވަތަ ޕެން ޑްރައިވް އަކަށްއަޅާލުމަށްފަހު، ބޭނުންއިރަކު "ސާރޗް" ބޭނުންކޮށްގެން ހޯދާލުމުން، އެމަޢުލޫމާތު ހުރި ފޮތާއި އެފޮތުގެ ކޮން ސަފުހާއެއްގައިކަން ސިކުންތުކޮޅެއްގެ ތެރޭގައި ދައްކާލަދެއެވެ.
  

ޚުލާސާ ނަޒަރެއް



ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީ ކުރިއަރަމުންއައިސްފައިވަނީ ވަރަށް ބާރަށެވެ. ދެންއަންނާނީ ކޮން ޓެކްނޮލޮޖީއެއްކަމެއް ނޭނގޭވަރަށް ޒަމާންމިވަނީ ކުރިއަރާފައެވެ. އަދި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތަޢުލީމީދާއިރާދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. ގެންގުޅޭ ޓެބްލެޓްތަކާއި ފޯނުތަކަށް އެޑިއުކޭޝަނަލް އެޕްސް އަޅާ އޭގެފައިދާވެސް ހިފަމުންނެވެ. އެދާއިރާއަކަށް ޚާއްސައެއްޗެހިތައް އިތުރަށް ކިޔާދިނުމަށް 3ޑީ ޕްރިންޓިންގ ގެ އެހީވެސް ބޭނުންކުރަމުންނެވެ. އެތެރެހަށި އިންނާނެގޮތް ރަނގަޅަށް ކިޔާދިނުމަށް އެތެރެހަށި އިންނާނެގޮތް އަތްލެވޭފަދަ ގޮތަކަށް ޕްރިންޓްކޮށްލެވެއެވެ. އިންޖީނެއްގެ ބައިތަކެއް އިތުރަށް ކިޔާދިނުމަށް އޭގެބައިތައްވެސް އަތްލެވޭގޮތަށް ޕްރިންޓްކޮށްލެވެއެވެ. ވުމާއެކު ކުރިމަގުގައި އަންނާނީ ކޮން ޓެކްނޮލޮޖީއެއްކަން އަދި އޭގެން ތަޢުލީމަށް ކުރާނީ ކޮންއަސަރެއްކަން ބުނެދޭންވެސް ނޭނގޭނެއެވެ.

ތްރީ.ޑީ ޕްރިންޓަރަކުން ޕްރިންޓްކޮށްފައިވާ ނަމޫނާ ޖެޓް އިންޖީނެއް


ރިފަރެންސް




Associated Press. (1989). Most teachers think computers are boon to schools, poll says. The Deseret News.
Beissel, J. (2011, June 13). What's in a Name? USB Flash Drive Synonyms. Retrieved from Premium USB Blog; Your USB Info and News Source: http://blog.premiumusb.com/2011/06/usb-flash-drive-synonyms/
Brown, J., & Jinkins, S. (2010). At tech-savvy DFW districts, netbooks are joining textbooks. Star Telegram.
Driscoll, K. (2007). Collaboration in Today's Classrooms: New Web Tools Change the Game. Multimedia & Internet @ Schools.
Haney, D. Q. (1977). Computers in the classroom- no match for real live teacher. The Modesto Bee.
I. B. M. TO PUT OUT NEW "THINK" UNITS. (1956). New York Times.
Johnstone, B. (2003). Never Mind the Laptops: Kids, Computers, and the Transformation of Learning. Lincoln: NE: iUniverse, Inc.
Kingston Technology. (2013). Kingston Digital Ships Its Fastest, World's Largest-Capacity USB 3.0 Flash Drive. Retrieved from Kingston Technology:http://www.kingston.com/en/company/press/article/6487
McKinsey & Company. (1995). Connecting K-12 schools to the information superhighway. New York. Retrieved from http://cavern.uark.edu/mckinsey/
Murdock, E. (2007). History, the History of Computers, and the History of Computers in Education.
Noeth, J. R., & Volkov, B. B. (2004). Evaluating the Effectiveness of Technology in Our Schools, ACT Policy Report.
Ramdam, S. (2015, July 22). History of hard disk drives. Retrieved from COMPUTER:http://chander-computer.blogspot.com/2015/07/history-of-hard-disk-drives.html
Richardson, W. (2007). Teaching in a Web 2.0 World. Kappa Delta Pi Record.
Snuggs, E. (1999). Georgia Tech Harness Technology for Learning. The Tuscaloosa News.


18 comments:

  1. ގިނަ މައުލޫމާތުތަކެއް ހިމެނޭ ފުރިހަމަ ލިއުމެއް.

    ReplyDelete
  2. ގިނަ މައުލޫމާތުތަކެއް ހިމެނޭ ފުރިހަމަ ލިއުމެއް.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. mauloomaathu mussandhi! ekamaku surukhee aa thankolheh bodah gulhuvaalehvi nama ran'galhuvees

    ReplyDelete
  9. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  10. ވަރަށް ގިނަމައުލޫމާތު ތަކެއް ލިބިގެން ދާ ލިޔުމެއް

    ReplyDelete
  11. ماشاءالله.. ވަރަށް ގިނަގުނަ މަޢުލޫމާތު ލިބިއްޖެ.. އެހާމެ ފުރިހަމަ.. ޝުކުރިއްޔާ ލިޔުންތެރިޔާއަށް..

    ReplyDelete
  12. މިމައުޟޫގައި ހިމަނާލާފައިވާ ބައިތައް ފުރިހަމަ އަދި އެބައިތަކަށް ވަރަށް އެކަށީގެންވާވަރަށް މައުޟޫމާތު ހޯދާފާވާކަން ފާހަގަކުރެވޭ

    ReplyDelete
  13. މިމައުޟޫގައި ހިމަނާލާފައިވާ ބައިތައް ފުރިހަމަ އަދި އެބައިތަކަށް ވަރަށް އެކަށީގެންވާވަރަށް މައުޟޫމާތު ހޯދާފާވާކަން ފާހަގަކުރެވޭ

    ReplyDelete
  14. ފުރިހަމަ ލިޔުމެއް
    ވަރަށްގިނަ މަޢުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ

    ReplyDelete
  15. މިއީ އެޑިޔުކޭޝަން ޓެކްނޮލޮޖީގެ ތާރީޚާބެހޭ މަޢުލޫމަތުން މުއްސަނދިވެފައިވާ މޮޅު އާރޓިކަލެކެވެ.

    ReplyDelete
  16. ވަރަށް ފުރިހަމަ ލިޔުމެއް. އިތުރަށް ރަނގަޅުކޮށްލަންޏާ ލިޔުންގަނޑު ތެރެއަށް ރެފަރެންސް ހައިޕަރ ލިންކެއް ގޮތަށް ލެވިދާނެ.

    ReplyDelete


  17. ވަރަށްފުރިހަމަ ލިއުމެއް

    ReplyDelete